Last Updated: June 8, 10:34
Monday, June 8, 2026
މުނިފޫހިފިލުވުން

ދިއާ އާއި ރާހުލް ލޯބީގެ ފިލްމަކަށް

އިންޑިއާގެ ތަރިން ކަމަށްވާ ދިއާ މިރްޒާ އާއި ރާހުލް ބަޓް ލޯބީގެ ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން މިއަދު ބުނީ އަދި ނަން ސާފު ނުވާ މި ފިލްމަކީ އިންޑިއާ ދަރިކޮޅުގެ ޖަރުމަންގެ ޑައިރެކްޓަރު ކަންވަލް ސޭތީ ލިޔެ، ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެއް ކަމަށެވެ.

މި ފިލްމު ޕްރޮޑިއުސް ކުރަނީ ކޯވިޑް ގުޕްތާ ފިލްމްސްއިންނެވެ.

ހަންގާމާ އިން ބުނީ ދިއާ އާއި ރާހުލް އެކީގައި އަލަށް މަސައްކަތްކުރާ ފިލްމުގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު، ފިލްމުގެ އިތުރު ކާސްޓުންނާއި މީގެ ނަން ވެސް ފައިނަލް ކުރުމުގެ މަސައްކަތް އޭގެ ޓީމުން ކުރަމުން އަންނަ ކަމަށެވެ.

އެހެންވެ ރަސްމީކޮށް ވަރަށް އަވަހަށް ފިލްމު އިއުލާން ކުރާނެ ކަމަށް ބުންޏެވެ.

ދެހާހުގެ ކުރީކޮޅު ބޮލީވުޑަށް ނުކުމެ "ރެހެނާ ހޭ ތޭރޭ ދިލް މޭ" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ދިއާ މި ފަހުން އާންމުކޮށް ފިލްމުތަކުގައި ކުޅެމުން އަންނަނީ ސަޕޯޓިން ރޯލުތަކެވެ. ދެހާސް ވަނަ އަހަރު މިސް އޭޝިއާ ޕެސިފިކްގެ ޓައިޓްލް ވެސް ހާސިލުކޮށްފައިވާ 43 އަހަރުގެ ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ އެކްޓަރު ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރާހީމް އަލީ ޚާން ތައާރަފު ކުރަން މި އަހަރުގެ މާޗްގައި ގެނެސްދިން "ނާދާނިޔާ" އެވެ.

އޭގައި ދިއާ ކުޅުނީ އިބްރާހީމްގެ މަންމަގެ ރޯލެވެ.

ރާހުލް، 43، އަކީ މީގެ އަހަރުތަކެއް ކުރިން ސޮނީ ޓީވީން ގެނެސްދިން ސިލްސިލާ "ހީނާ" ގައި ސަމީރުގެ ރޯލު ކުޅެގެން މަޝްހޫރުވި އެކްޓަރެވެ. އޭނަ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "އަގްލީ". "ފިތޫރް"، "ސެކްޝަން 375" އަދި "ކެނެޑީ" ހިމެނެ އެވެ.