މި ދައުރުގެ ތެރޭގައި ޅ. ނައިފަރުގައި 800 ހައުސިން ޔުނިޓްގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ނައިފަރުގައި މިރޭ ބޭއްވި ޖަލްސާގައި ވަނީ، 300 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކޮށްފަ އެވެ.
އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވި އާބާދީ ބޮޑު ރަށްރަށަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި އެގޮތުން ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ނައިފަރުގައި 400 ހައުސިން ޔުނިޓު އަޅާނެ ކަމަށް ވައުދުވެފައިވާނެ ކަމަށެވެ. އެގޮތުން މިރޭ ހަވާލުކުރި 300 ހައުސިން ޔުނިޓުގެ އިތުރުން ވެސް 100 ހައުސިން ޔުނިޓުގެ މަސައްކަތް ދާދި އަވަހަށް ބަޔަކާ ހަވާލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން 2027 ވަނަ އަހަރު އިތުރު 400 ހައުސިން ޔުނިޓުގެ މަސައްކަތް ބަޔަކާ ހަވާލުކުރާނެ ކަމަށާއި އެހެންކަމުން މި ދައުރުގެ ތެރޭގައި ޖުމުލަ 800 ހައުސިން ޔުނިޓުގެ މަސައްކަތް ނައިފަރުގައި ފެށިގެންދާނެ ކަމަށް ވިދާޅުވި އެވެ. އަދި މި ދައުރު ނިމުމުގެ ކުރިން އޭގެ ތެރެއިން ގިނަ ޔުނިޓުތަކެއްގެ މަސައްކަތް ނިމިގެންދާނެކަމުގެ ޔަގީންކަން ވެސް ރައީސް ވިދާޅުވި އެވެ.
މީގެއިތުރަށް ނައިފަރު ހޮސްޕިޓަލް އަޕްގްރޭޑް ކުރަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފައިވާ މަސައްކަތުގެ ސްކޯޕް ފުޅާކޮށް، ނައިފަރުގެ ހޮސްޕިޓަލް 50 އެނދުގެ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުތެރޭ ފެށޭނެ ކަމަށާއި އަދި ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި ނައިފަރު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ވެސް ފެށިގެންދާނެ ކަމަށް ވިދާޅުވި އެވެ.