ވެރިކަމަށް އުއްމީދުކުރަނީ ރާއްޖޭގެ ހާލަތު ބަދަލުކުރަން ބޭނުންވާތީ ކަމަށާއި އެއީ މާލީ މަންފާއެއް ހޯދުމަށް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ހދ. ދިއްދޫގައި ބޭއްވި ތިލައުތުރު އެވޯޑް ހަފުލާ ޝަރަފުވެރިކޮށްދެއްވައި ޔާމީން ވިދާޅުވީ ވެރިކަން ބޭނުން ނުވާ މީހެއް ނުހުންނާނެ ކަމަށާއި ވެރިކަން ބޭނުންވާ ކޮންމެ މީހެއްގެ ވެސް ވިސްނުމަކާއި ފަލްސަފާއެއް އޮންނާނެ ކަމަށެވެ. އަދި ކޮންމެ މީހަކު ވެސް ރައްޔިތުންނަށް ވިއްކާ އެއްޗެއް އޮންނާނެ ކަމަށާއި ވެރިކަން ބޭނުންވުމަކީ އޭގެ ޒާތުގައި ނާތަހުޒީބު، ކޮރު ނުވަތަ އައިބު ކަމެއް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ރައްޔިތުންނަށް ޚިދުމަތް ކުރެވޭނީ އެގޮތަށް ކަމަށްވެސް ވިދާޅުވި އެވެ.
"ވެރިކަމަށް އުންމީދުކުރަނީ އަޅުގަނޑު އަމިއްލަ މުހުތާދުތަކެއް ފުއްދުމަށް، އަޅުގަނޑަށް މާލީ މަންފާއެއް ހޯދަން ނޫނީ އުޅޭނެ ގެއެއް ނެތިގެން އުޅޭ ކަމަށްވަންޏާ އެ ސުވާލު ތިބޭފުޅުން ކުރައްވާ. މިއިން އެއްވެސް ކަހަލަ ކަމެއް އަޅުގަނޑެއް ބޭނުމެއް ނުވާނެ. އެކަމަކު، އަޅުގަނޑު ބޭނުންވޭ ދިވެހިރާއްޖޭގެ ހާލަތު ބަދަލު ކުރަން،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރަކީ ތިޔާގި، ފާގަތި ފަސް އަހަރު ކަމަށެވެ. ނަމަވެސް އެ ފަސް އަހަރަށްފަހު ދެން ފެނިގެންދަނީ ވަރަށް ލަދުގަންނަންޖެހޭ ވަރުގެ ކަންކަން ކަމަށާއި ކަމަކަށް މީހަކު ނިކުންނައިރު، އެމީހާއަކީ އެކަމަށް ޝަރުތު ހަމަވާ މީހެއްކަން ބަލަންޖެހެނީ އެހެންވެގެން ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.