Last Updated: July 3, 23:06
Friday, July 3, 2026
ޚަބަރު

ވަގަށް ސިނގިރޭޓް ބޭރުކުރި މައްސަލައާ އެއްވެސް ގުޅުމެއް ނެތް

ސިނގިރޭޓު ކޭސްތަކެއް ވަގަށް އެތެރެކުރިއިރު، "އެގްޒޮޓިކް އެންޓަޕްރައިސަސް" ކިޔާ ކުންފުނީގެ ހިއްސާދާރަކަށް ހުރި މުއްދަތުގައި ގާނޫނާ ހިލާފަށް އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތާދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ސިރުހާނު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން އިއްޔެ ފާސްކުރި ރިޕޯޓުގައިވާ ގޮތުން ޑިސެމްބަރު ތިނެއް، 2023ގައި އެގްޒޮޓިކް އެންޓަ ޕްރައިސަސްގެ ބޮންޑެޑް ވެއާހައުސް ކަސްޓަމްސްގައި ރަޖިސްޓްރީކުރިއިރު އެ ކުންފުނީގެ ބޯޑް އޮފް ޑިރެކްޓަރުންގެ ގޮތުގައި ތިބީ ލުބްނާ ހުސައިން މަނިކާއި އަބްދުﷲ ހަސަން ކިޔާ ދެ މީހެކެވެ.

ނަމަވެސް އޭގެ ފަހުން އެގްޒޮޓިކް އެންޓަޕްރައިޒަސް އިން 9 ޑިސެމްބަރު 2023 ގައި ފޭކް ސިނގިރޭޓް އެތެރެކުރި އިރު ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބީ ލުބުނާ ހުސައިން މަނިކާއި ހިތާދޫ ދާއިރާގެ މެމްބަރު ސިރުހާން އެވެ. އޭރު ސިރުހާނަކީ މަޖިލީހުގެ މެންބަރެއް ނޫނެވެ. އޭނާ މެންބަރު ކަމަށް އިންތިޚާބުވީ، މިދިޔަ އަހަރުގެ އޭޕްރީލް މަހުގަ އެވެ.

އެގްޒޮޓިކް އެންޓަޕްރައިސަސްއިން ސިނގިރޭޓުތައް ބޭރުކުރިއިރު، އަނެއްކާވެސް ބޯޑަށް ބަދަލުތައް ގެނެސްފައިވެ އެވެ. އެގޮތުން އޭރު ޑިރެކްޓަރުންގެ ގޮތުގައި ތިބީ އަބްދުލް އަހަދު އަދުނާނާއި މުޙައްމަދު ޝަރީފެވެ.

މިކަމާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައ ސިރުހާން ވިދާޅުވީ އޭނާ އެގްޒޮޓިކް އެންޓަ ޕްރައިސަސްގެ ބޯޑު ޑިރެކްޓަރަކަށް އަދި ހިއްސާދާރަކަށް ހުރި މުއްދަތުގައި ގާނޫނާ ހިލާފަށް އެއްވެސް މުއާމަލާތެއް އެ ކުންފުނިން ކޮށްފައި ނުވާނެ ކަމަށާއި އެ ކުންފުނީގައި އޮތް އޭނާގެ ހިއްސާ ބަދަލުކުރީ ކުންފުނީގެ އޮޑިޓެއް ކުރުމަށްފަހުގައި ކަމުން ކަސްޓަމްސްގެ ބޮންޑެޑް ވެއާހައުސް ހިމެނޭހެން ކުންފުނީގެ ގުދަންތަކުގައި ހުރި މުދަލުގެ ތަފްސީލު ވަރަށް ސާފުކޮށް އެނގެން އޮންނާނެ ކަމަށެވެ.

އަދި އެހާތަނަށް ކުންފުނީގެ އެއްވެސް ބޮންޑެޑް ވެއާހައުސް އަކުން ގަވާއިދާ ހިލާފަށް އެއްވެސް މުދަލެއް ބޭރުކުރެވިފައި ނުވާކަން ސާފުވާނެ ކަމަށާއި ސިނގިރޭޓް ވަގަށް ބޭރުކުރި މަރުހަލާގައި އެ ކުންފުނީގެ ހިއްސާ އޭނާއަށް ދީފައިވާ ކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް ހަގީގަތެއް ހުރި ވާހަކަތަކެއް ނޫން ކަމަށް ސިރުހާން ވިދާޅުވި އެވެ.

"ކުންފުނީގެ ހިއްސާ އަޅުގަނޑު ދޫކޮށްލިފަހުން އެ ކުންފުނިން ގޯސްކޮށް ކަމެއް ކޮށްފައިވާނަމަ އެކަމަކީ އަޅުގަނޑާއި އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫނެވެ،" ސިރުހާން ވިދާޅުވި އެވެ.

ސިރުހާން ވަނީ މިފަދަ ކަމަކާ އޭނާއާ ގުޅުވަން މަސައްކަތް ކުރާނަމަ އެއީ ސިޔާސީ ގޮތުން އޭނާ ބަލިކަށިކޮށްލުމަށް ކުރަމުންދާ މަސައްކަތެއް ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި މަޖިލީހުގެ 241 ކޮމިޓީން ކޮށްފައިވާ ތަހުގީގުން ވެސް މިކަމަކީ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމެއްކަން ސާފުކޮށް ފެންނަން އޮންނާނެ ކަމަށްވެސް ވިދާޅުވި އެވެ.