އިންޑިއާގެ ބޮކްސް އޮފީހުގައި މިހާރު ރަސްކަން ކުރަމުން އަންނަ ފިލްމު "ކަންޓާރާ: އަ ލެޖެންޑް-ޗެޕްޓާ 1" މި މަހުގެ 31 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އަށް ދޫކޮށްލާނެކަން އިއުލާންކޮށްފި އެވެ.
މި މަހުގެ 2 ގައި ރިލީޒްކުރި މި ކަންނާޑާ ފިލްމަކީ 2022 ގެ "ކަންޓާރާ" ގެ ސީކްއެލް އެވެ. މި ދެ ފިލްމަކީ ވެސް ރިޝަބް ޝެޓީ ލިޔެ، ޑައިރެކްޓްކޮށް އަދި ބަތަލުގެ ރޯލު ކުޅުނު އެއްޗެކެވެ.
"ކަންޓާރާ: އަ ލެޖެންޑް-ޗެޕްޓާ 1" އަކީ 125 ކްރޯސް ރުޕީސް (14.2 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމެކެވެ. އިންޑިއާ އާއި ބޭރުގެ މާކެޓްތަކުން މި ފިލްމަށް މިހާތަނަށް ލިބުނު އާމްދަނީ މިހާރު 900 ކްރޯޑް ރުޕީސް (102 މިލިއަން ޑޮލަރު) އަށް އަރަ އެވެ.
ހުރާފީ އެކްޝަން ފިލްމެއްގެ ގޮތުގައި "ކަންޓާރާ" ގެނެސްދޭ އިރު، މީގެ ތިން ވަނަ ބައެއް ވެސް ގެނެސްދޭނެކަމުގެ އިޝާރާތެއް ދެވަނަ ބައިގެ އެންޑިން ކްރެޑީޓާ އެކީ ދީފައިވެ އެވެ.
"ކަންޓާރާ: އަ ލެޖެންޑް-ޗެޕްޓާ 1" އަކީ ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުމުގެ އިތުރުން ކްރިޓިކުންގެ ތައުރީފު ވެސް ވަރަށް ބޮޑަށް އޮހުނު ފިލްމެކެވެ. އެގޮތުން މި ފިލްމަށް ރިޝަބް ކޮށްފައިވާ މަސައްކަތްތައް ވަރަށް މޮޅުކަން ފާހަގަކޮށް ފިލްމު "ވަން މޭން ޝޯއެއް" ގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.
ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ "ކަންޓާރާ" ގެ ފުރަތަމަ ބައިން ރިޝަބް އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ވެސް ލިބިފައިވާކަމެވެ. އަދި އެ ފިލްމަށް ހަމަ އެއަށް ބެސްޓް ޕޮޕިއުލާ ފިލްމު ޕްރޮވައިޑިން ހޯލްސަމް އެންޓަޓައިންމަންޓްގެ ނެޝަނަލް އެވޯޑް ލިބުނެވެ.