ކ. ކާށިދޫގައި ހަދަން ނިންމާފައިޗާ ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ އަޅައިފި އެވެ.
އެތަނުގެ ބިންގާ އެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޅަ. އަތޮޅަށް ކުރެއްވި ދަތުރަށް ފަހު މިއަދު ކ. އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން ފުރަތަމަ ރަށަކަށް ކާށިދު އަށް ވަޑައިގެންނެވެ.
އެ ރަށުގެ ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައި ދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނާއި އެ މަޝްރޫއުގެ ކޮންޓްރެކްޓަރު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމްގެ އިތުރުން ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުގެ އިތުރުން ކާށިދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޢާމިރެވެ.
ކާށިދު އަކީ ރާއްޖޭގައި ޑްރަގްގެ ވަބާގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ ފަރުވާ އާއި ފަރުވާގެ އެކި ޕްރޮގްރާމްތައް ހިންގުމަށް އަޅާ ސެންޓަރުތަކުގެ ތެރެއިން އެއް ސެންޓަރެވެ. މި ސަރުކާރުން އަޅާ އަނެއް ދެ ސެންޓަރު އަޅަނީ ނ. ވެލިދު އާއި ލ. ގަމުގަ އެވެ.
ޑްރަގް ރިހެބިލިޓޭޝަންގެ ފަރުވާ މިހާރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ދެމުން އަންނަނީ މާލެ ސަރަހައްދުގައެވެ. އަތޮޅުތަކުގެ އެކި ހިސާބުތަކުގައި ޑްރަގް ފަރުވާގެ 6 ސެންޓަރު ހުރި ނަމަވެސް، އެންމެ ޒަމާނީ އެކަށީގެންވާ ފަރުވާ އެތަންތާންގައި ޤާއިމުވެފައެއް ނެތެވެ.
އެހެންވެ ސަރުކާރުގެ ޢަމާޒަކީ އައު ސެންޓަރުތަކުގެ މަސައްކަތް ނިމިގެންދާއިރު، ފަރުވާގެ ވަށާޖެހޭ ހަރުދަނާ ނިޒާމެއް ޤާއިމު ކުރުމެވެ.
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް އިސްލާޙުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން 12 ރިހެބިލިޓޭޝަން ސެންޓަރެއްގައި އަންނަނީ ފަރުވާ ދެމުންނެވެ. މި ސެންޓަރުތައް ހުންނަނީ މާލެ، ހުޅުމާލޭގެ އިތުރުން ކ. ހިންމަފުށި، ތިނަދޫ، ހދ. ހަނިމާދޫ، ފުވައްމުލައް، އައްޑޫ ހިތަދޫ، ހުޅުމީދޫ އަދި ގއ. ވިލިނގިލީގަ އެވެ.
މިއަދުި ވަނީ ކާށިދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ ވެސް އަޅައިފަ އެވެ. އެ މަޝްރޫއުގެ ވެސް ކޮންޓްރެކްޓަރަކީ އާރްޑީސީ އެވެ.