މި ސަރުކާރުން ފައިސާ ޗާޕް ކުރަން ނޫޅޭ އެކަން ދުވަހަކު ނުވެސް ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އޭނަ އެގޮތަށް ވިދާޅުވި މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ޕެންޝަން އޮފީހާ އެކު ކުރަން އުޅޭ މުއާމަލާތަކީ ފައިސާ ޗާޕް ކުރުން ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ކުރެއްވި ސުވާލަކާ ގުޅިގެންނެވެ.
"އިއްޒަތްތެރި މެންބަރު، މި ސަރުކާރަކުން ފައިސާ ޗާޕެއް ނުކުރާނެ." ސައީދު ވިދާޅުވި އެވެ.
މިދިޔަ ސަތުކާރުގައި ދައުލަތުގެ މާލީ ކަންކަން ހިންގާފަައިވާ ގޮތަށް އިޝާރާތް ކުރައްވައި އޭނަ ވިދާޅުވީ ދައުލަތުގެ ދަރަނި އެ ފަސް އަހަރު އިތުރުވީ ކޮވިޑުގެ ސަބަބުން ކަމަށް ވިދާޅުވި އިރު، ކޮވިޑުގެ ނަމުގައި 8.7 ބިލިއަން ރުފިޔާ ލިބުނު ނަމަވެސް، ކޮވިޑާ ގުޅިގެން ހަރަދުކުރީ 4.2 ބިލިއަން ރުފިޔާ ކަމަށެވެ.
އެހެންކަމުން ފައިސާ ޗާޕުކުރި ސަބަބަކީ ކޮބައިތޯ މިނިސްޓަރު ސުވާލުކުރެއްވި އެވެ.
ސައީދު ވިދާޅުވީ އޭރި ފައިސާ ޗާޕުކުރީ މަޖިލީހުގައި ތިއްބެވި އިދިކޮޅު މެންބަރުން ފައިސާ ޗާޕުނުކުރުމަށް އާދޭސް ކުރައްވަނިކޮށް ކަމަށާއި ނަމަވެސް އެކަމަށް ރިއާޔަތް ނުކުރައްވައި، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑުކުރުމަށް ފަހު އަށް ބިލިއަން ރުފިޔާ ޗާޕުކުރުމުގެ ސަބަބުން މިއަދު ދިވެހި ރުފިޔާ ނިކަމެތިވެ، ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ.
އެހެންވެ އެއްވެސް ޒަމާނެއްފައި އިދިކޮޅު އެމްޑީޕީއަށް ރާއްޖޭގެ ވެރިކަން ލިބުނަސް ކުރިން ހެދި ގޮތަށް ގާނޫނު ސަސްޕެންޑް ކުރުމަށް ފަހު ފައިސާ ޗާޕު ނުކުރަން އެދިވަޑައިގަންނަވާ ކަމަށް ސައީދު ވިދާޅުވި އެވެ.
މި ސަރުކާރުން ފައިސާ ޗާޕް ނުުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.