Last Updated: June 8, 10:34
Monday, June 8, 2026
ރިޕޯޓް

ހިތުގެ ދުޅަހެޔޮ ކަމަށް ނިދަންވީ އަނދިރީގައި!

އަނދިރީގައި ނިދާ ނަމަ ހިތަށް ދިމާވާ ތަފާތު ގިނަ ސިއްހީ މައްސަލަތަކުން ރައްކާތެރިކޮށްދޭ ކަމަށް ދިރާސާއެެއްގައި ބުނެފި އެވެ.

ޖަމާ ނެޓްވޯކް އޯޕަން ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނީ އަލީގެ ތެރޭގައި ހާއްސަކޮށް، ގަދަ އަލީގެ ތެރޭގައި ރޭގަނޑު ނިދާ ނަމަ ހިތަށް ސިއްހީ ގިނަ މައްސަލަތައް ކުރިމަތިވާ ކަމަށެވެ. އެގޮތުން ބޮކިތައް ދިއްލައިގެން ގަދަ އަލީގެ ތެރޭގައި ނިދާ ނަމަ ސިކުނޑި އަށް ލޭ ފޮނުވައިދޭ ހޮޅިތަކަށް މައްސަލަތައް ދިމާވުމުގެ ފުރުސަތު 32 ޕަސެންޓަށް ބޮޑު ކަމަށާއި މީގެ ސަބަބުން ސްޓްރޯކް ޖެހުމުގެ ފުރުސަތު 28 ޕަސެންޓަށް ބޮޑުކޮށްދޭ ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް ބޮކިތައް ނިއްވާލައި އަނދިރީގެ ތެރޭގައި ނިދާ ނަމަ ހިތަށް ކުރިމަތިވާ މައްސަލަތައް 56 ޕަސެންޓް ދަށްކޮށްދޭ ކަމަށް ދިރާސާގައި ބުންޏެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި އައްޔަކީ ނިދުމަށް ހުރަސް އަޅާ އަދި އޭގެ ސަބަބުން ނިދުމަށް މަގުފަހިކޮށްދޭ، މެލަޓޯނިން ހޮމޯން އަށް ވެސް ހުރަސް އަޅާ ކަމެކެވެ. އެހެންވެ ވަކިން ހާއްސަކޮށް ރޭގަނޑު ނިދާ ގަޑިއާ ކައިރިވާ ވަރަކަށް ގަދަ އަލިތަކާ ދުރުވާން ޖެހޭ ކަމަށް ފާހަގަކޮށްފައިވެ އެވެ.

އެގޮތުން ތަފާތު އެކި ޑިވައިސްތަކުގެ ސްކްރީން އަލިތަކާ ވެސް ދުރުވާން ޖެހޭ ކަމަށާއި ވަކިން ހާއްސަކޮށް ނިދުމުގެ ހަތަރު ގަޑިއެއްހާ އިރު ކުރިން އެފަދަ އަލިތަކާ ދުރުވުމަކީ ހަމަނިންޖަކަށް މަގުފަހިކޮށް ދޭނެ ކަމެއް ކަމަށް ދިރާސާގައި ބުންޏެވެ. މީގެ އިތުރުން ނިދާ ތަނުގައި ގަދަ އަލި ހުންނަ އެލާމް ގަޑި ވެސް ބެހެއްޓުމަކީ ވެސް ރައްކާތެރި ކަމެއް ނޫން ކަމަށް ފާހަގަކޮށްފައިވެ އެވެ.

ދިރާސާގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ނިދާ އިރު، ބޮކިތައް އެއްކޮށް ނިއްވާލައި މުޅިން އަނދިރީގައި ނިދަން ފުރުސަތު ނުލިބޭނެ ނަމަ އެންމެ ރަނގަޅު ގޮތަކީ ވީހާ ވެސް ބޮޑަށް އަލިމަޑުކޮށްގެން ނިދުމެވެ. އަދި ނިދާ ތަނަށް އަލި ވަންނަ ގޮތަށް ކުޑަ ދޮރު ހުންނަ ނަމަ، ދޮރުފޮތި ދަމައި އަލި ސީދާކޮށް ނުވަންނަ ގޮތަށް ހެދުމަކީ ވެސް ބަރާބަރު ނިންޖަކަށް އެހީވެދޭނެ ކަމަށް ދިރާސާގައި ބުންޏެވެ.

މީގެ އިތުރަށް ނިދާ އިރު ލޮލުގައި އަޅާ ކަހަލަ މާސްކެއް ބޭނުން ކުރުމަކީ ވެސް ކުރެެވިދާނެ ކަމެކެވެ.