އަށާރަ އަހަރު ފަހުން ސަލްމާން ޚާނާއި ގޯވިންދާ އެކީގައި ފިލްމެއްގެ މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން ބުނީ އެ ފިލްމު އަދި އޮތީ ސްކްރިޕްޓިން މަރުހަލާގައި ކަމަށެވެ. އެކަމަކު މާ ލަސްތަކެއް ނުވެ، ފިލްމު ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ބުނެފައިބެ އެވެ. އެކަމަކު މިއީ ކޮން ޕްރޮޑަކްޝަން ހައުސްއަކަށް ކާކު ޑައިރެކްޓް ކުރަން އުޅޭ ފިލްމެއް ކަމެއް އަދި ނޭނގެ އެވެ.
ނަމަވެސް ދާދި ފަހުން ސަލްމާން ވަނީ މިހާރު ކަލާސް ޓީވީން ގެނެސްދެމުން އަންނަ "ބިގް ބޮސް" ސީޒަން 19 ގެ އެޕިސޯޑެއްގައި ގޯވިންދާއާ އެކު ޕްރޮޖެކްޓެއް ޕްލޭން ކުރެވިފައި އޮތްކަމުގެ އިޝާރާތެއް ދީފަ އެވެ.
ސަލްމާނާއި ގޯވިންދާ އެންމެ ފަހުން އެކީގައި ފެނިފައި ވަނީ ޑައިރެކްޓަރު ޑޭވިޑް ދަވަންގެ 2007 ގެ ކާމިޔާބު ފިލްމު "ޕާޓްނާ" އިންނެވެ. އެ ފިލްމުގެ ބަތަލާއިންނަކީ ކެޓްރީނާ ކައިފާއި ލާރާ ދައްތާ އެވެ.
މި ފަހުން ބޮލީވުޑުން އެއްވެސް ފުރުސަތެއް ނުލިބޭތީ އިންޑަސްޓްރީގެ ބައެއް މީހުންނާ މެދު ގޯވިންދާ ހުންނަނީ ހިތްހަމަނުޖެހިފަ އެވެ. ނުވަދިހައިގެ ތެރޭގައި ކާމިޔާބު އެތައް ފިލްމެއް ކުޅުނު އެކްޓަރަށް ދާދި ފަހުން ތިން ފިލްމަކުން ފުރުސަތު ލިިބިފައި އޮތް ކަމަށް ބުނެފައިވެ އެވެ.
އެކަމަކު އެއިން އެއްވެސް ފިލްމަކާ ބެހޭ އެއްވެސް ތަފުސީލެއް މިހާތަނަށް ހިއްސާކޮށްފައެއް ނުވެ އެވެ.
ކޮމެޑީ ރޯލުތަކަށް މޮޅު އަދި ވަރަށް ހުނަރުވެރި ނެށުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ގޯވިންދާގެ އެންމެ ފަހުގެ ފިލްމަކީ ބަލާނެ ބަޔަކު ނުވި 2019 ގެ "ރަންގީލާ ރާޖާ" އެވެ.