އިޒްރޭލާ ދެކޮޅަށް ވަރަށް ބޮޑަށް އަޑު އުފުލާ އިނގިރޭސިވިލާތުގެ ނޫސްވެރިއެެއް ކަމަށްވާ ސާމީ ހަމްދީ އެމެރިކާގެ އިމިގްރޭޝަނުން ހިފަހައްޓައިފި އެވެ.
މީޑިއާތަކުން ބުބީ މީޑިއާ ކޮމެންޓޭޓަރެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވާ ނޫސްވެރިޔާ އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސް) އިން ހިފަހެއްޓީ އިވެންޓެއްގެ ތެރެއިން އިއްޔެ ރޭ ކަމަށެވެ. އަދި ހަމްދީގެ ވިސާ ވެސް މިހާރު ކެންސަލްކޮށްފައިވާކަން އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓް (ޑީއެޗްއެސް) ގެ ތަރުޖަމާނު ޓްރިޝިއާ މެކްލޯލިން ސޯޝަލް މީޑިއާ ޕޯސްޓެއެއްގައި ވިދާޅުވި އެވެ.
އައިސްގެ ބެލުމުގެ ދަށުގައި ހަމްދީ ހުރި އިރު، އޭނަ އެމެރިކާ އިން ފޮނުވާލުމަށް ދަނީ މަސަައްކަތް ކުރަމުންނެވެ.
ޑީއެޗްއެސް އިން ވަނީ ހަމްދީ އަކީ ޓެރަރިޒަމަށް ހިތްވަރުދޭ މީހެއް ކަމަށް ސިފަކޮށް، އޭނަ އަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ވެސް ނުރައްކާ މީހެއްގެ ގޮތުގައި ލޭބަލްކޮށްފަ އެވެ.
މިކަމާ ގުޅިގެން އެމެރިކާގައި މުސްލިމުންގެ ހައްގުތަކަށް ވަކާލާތުކުރާ ޖަމާއަތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި ހަމްދީ ހިފަހައްޓައިގެން އުޅެނީ ސިޔާސީ ބޭނުމެއްގައި ކަމަށާއި މިއީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވެސް ހުރަސް އެޅުމުގެ އަމަލެއް ކަމަށް ބުނެފައިވެ އެވެ.