މާލޭގެ ދަފުތަރު ވަގުތުން ވަގުތަށް އުވާލަން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ގޮވާލައްވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޭނަ ވިދާޅުވީ ދަފުތަރު އުވާލައި، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ފްލެޓާއި ގޯތި ދޫކުރުމުގެ މަސައްކަތް ކުރަން ބޭރުގެ ބަޔަކާ ހަވާލު ކުރަންޖެހޭ ކަމަށެވެ.
ޝާޑު އެ ގޮތަށް ވިދާޅުވީ ގޯއްޗާއި ފްލެޓު ލިބުނު މީހުންގެ ހައްގަށް ބެލުމެއް ނެތި ރަސްމާލެއަށް އިސްކަންދޭ މައްސަލައިގައި ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ. އޭނަ ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ މިއަދު އޮތް މިންވަރަށް ބޮޑުވެގެން ދިޔައީ ސިޔާސީ ވެރިން، އެމީހުންގެ ބާރުތައް ދެމެހެއްޓުމަށްޓަކައި ކުރި ސިޔާސީ ކަންކަމުގެ ސަބަބުން ކަމަށެވެ. އަދި މާލޭގެ ދަފުތަރަކީ ސިޔާސީ ބާރުވެރިކަން ހިފެހެއްޓުމަށް ހަދާފައި އޮތް އެއްޗެއް ކަމަށާއި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި އެންމެ ފުރަތަމަ ކަމަކަށް މާލޭގެ ދަފުތަރު އުވައިލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"ވަގުތުން ވަގުތަށް ދަފުތަރު އުވައިލަން، ދަފުތަރު އޮވެގެނެއް ނުވޭ، ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ކޮންމެ ރައްޔިތަކީ ބޯހިޔާވަހި ކަމަށް، މި ދަންނަވާ ބޯހިޔާވަހިކަމަށް އެޕްލައި ކުރެވޭނެ، އެއީ އަޅުގަނޑުމެންގެ ފައިސާއިން ކޮންމެ ތަނެއްގައި ބިން ހިއްކިޔަސް ހިއްކަނީ، މިއަކަށް އޮންނާކަށް ނުޖެހޭ ވަކި ރަށެއް، ތަފާތު ކުރުމެއް،" ޝާޑު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ދަފުތަރު އުވާލައިފައި އެމީހެއްގެ ރަށަށް އެމީހެއްގެ ރެޖިސްޓްރީ ބަދަލު ކުރަންޖެ ހޭ ކަމަށެވެ. އަދި މިހާރު އޮތް ގޮތުން ދަފުތަރުގައި ތިބި މީހުންނަށް އެމީ ހުންގެ ރަށްރަށުގައި ނަގާ ވޯޓުތަކުގައި ބައިވެރިނުވެވޭކަން ވެސް ފާހަގަކުރެއްވި އެވެ.
ޝާޑު ވިދާޅުވީ ދަފުތަރުގައި ޖެހިފައި ތިބި މީހުންނަށް، މާލެއިން ފްލެޓެއް ނުވަތަ ގޯއްޗެއް ވެސް ނުލިބޭ ކަމަށެވެ.
އެެހެންވެ ދަފުތަރު އުވާލައިފައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ފްލެޓާއި ގޯތި ދޫކުރުމުގެ މަސައްކަތް ސަރުކާރުން ދޫކޮށްލައި، ބޭރުގެ ބަޔަކަށް އެ މަސައްކަތް ހަވާލު ކުރަން ޖެހޭ ކަމަށް ޝާޑު ވިދާޅުވި އެވެ.
"ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް މުޅިން އެހެން ބަޔަކަށް ހަވާލުކޮށްލަންވީ، އެހެން ގޮތަކަށް ދަންނަވާ ކަމަށްވަންޏާ ބޭރުގެ ބަޔަކާ ހަވާލުކުރަން އަޅުގަނޑަށް ފެންނަނީ، އޭރުން މިކަން ހަމައަކަށް އަންނާނީ." އޭނަ ވިދާޅުވި އެވެ.
ޝާޑު ވިދާޅުވީމިހާރު ކަން ހިނގަނީ ސިޔާސީ ޕާޓީތަކުގެ އޮފީހުން ފްލެޓު ލިސްޓު ތައްޔާރުކުރާ ގޮތަށް ކަމަށާއި އެއީ އިންސާފެއް ނޫން ކަމަށެވެ.
"ލިބޭ މީހާއަށް ލިބެނީ ކޮންމެ ސަރުކާރެއްގައި ވެސް، ލިބޭ މީހާއަށް އެ ފްލެޓު މި ލިބެނީ. މިގޮތަށް ކިހިނެއްތޯ މިކަން ކުރާނީ؟ މިއީ މިހާރު ބޮޑު ވިޔަފާރި އުސޫލުން ކުރާ ކަމެއްގެ ގޮތުގައި މިކަން މި ވަނީ،،" އޭނަ ވިދާޅުވި އެވެ. "ފްލެޓު ލިބޭ މީހާ މި ހުންނަނީ ފްލެޓުތައް ކުއްޔަށް ދީފައި، މާލޭގައި ވެސް ހުޅުމާލޭގައި ވެސް ވިލިމާލޭގައި ވެސް، ކޮންމެ ތަނަކުން ލިބޭ އެއްޗެއް ވެސް ކުއްޔަށް ދީފައި އެ މީހާ މި ހުންނަނީ ރާއްޖެއިން ބޭރުގައި. އެއްކަލަ ނިކަމެތި މީހާއަށް ނުލިބޭ ރަށުން ވެސް ގޯއްޗެއް، ފްލެޓެއް ވެސް ނުލިބޭ، ހުޅުމާލެއަކުން ވެސް ނުލިބޭ."
ޝާޑު ވިދާޅުވި ގޮތުގައި ހައްގުވެރިންނަށް ބޯހިޔާވަހިކަން ކަށަވަރު ނުކޮށްދީ ބިން ވިއްކައިގެން ވެސް ނުވާނެ އެވެ.