އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާސިލުކުރެއްވި ރެކޯޑަކީ މުގުރާލަން ފަސޭހަ ނުވާނެ ރެކޯޑެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، އެއް އަހަރާ 11 މަސްދުވަހުގެ ތެރޭގައި ދަތުރުފުޅުކުރައްވައި، ރައީސް މުއިއްޒު މި ތާރީހީ ކާމިޔާބު ހާސިލުކުރައްވާފައި މިވަނީ، ފާދިއްޕޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށާއި، މާލެ އަތޮޅުގެ ތިން ރަށަކަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި، މާލެއަތޮޅު ތުލުސްދޫއަށް މިއަދު މެންދުރު ވަޑައިގަތުމާ އެކުގަ އެވެ.
ދިވެހި ރިޔާސީ ތާރީޚުގައި، ޤައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެންމެ ފަހުން ރައީސަކު ޒިޔާރަތްކުރެއްވީ މީގެ 42 އަހަރު ކުރިންނެވެ. އޭރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު މައްމޫން ޢަބްދުލްޤައްޔޫމް، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންނެވީ 5 އަހަރު ދުވަހުގެ ތެރޭގަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ މީހުން އުޅޭ 187 ރަށާއި ސިޓީތަކަށް 1 އަހަރާއި 11 މަހުން (ގާތްގަނޑަކަށް 110 ހަފުތާއިން) ރައީސް މުޢިއްޒު ޒިޔާރަތް ކުރެއްވުމަކީ ރަށްތަކަށް އިސްކަން ދެއްވުމާއި، މުރާލިކަމުގައި ވެސް ނަމޫނާއެއް ކަމަށެވެ.
"މިއީ ރާއްޖޭގެ ތާރީޚުގައި މުގުރައިލުން ދެން ފަސޭހަ ނުވާނެ ޝަރަފްވެރި ރެކޯޑެއް،" ސައީދު ވިދާޅުވި އެވެ.
ރައީސްގެ މި ދަތުރުފުޅުތަކުގައި ކޮންމެ ރަށަކުން ރައްޔިތުންނާ ބައްދަލު ކުރެއްވި ކަމަށާއި އަދި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ބައްދަލުކުރެއްވިއިރު، ރައީސް އަރިހުގައި އެންމެ ކުރީ ސަފުގައި އިސްރަށްވެހީން ބަައިތިއްބަވާ ޢިއްޒަތް ދެއްވި ކަމަށް ސައީދު ވިދާޅުވި އެވެ. އަދި ކުޑަކުދީންގެ ޙާލު ބައްލަވައި، ސްކޫލްކުދީންގެ ހުށަހެޅި ކަންކަމަށްވެސް ވަގުތުން އިޖާބަ ދެއްވި ކަމަށާއި ކޮންމެ ރަށަކުން ތަރައްޤީގެ މަޝްރޫޢުތައް ފައްޓަވައި ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރެއްވި ކަމަށް ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ރައީސް މުއިއްޒު މިހާރުވެސް ވަރަށް ގިނަ ރަށްރަށަށް ދެވަނަ ޒިޔާރަތެއްވެސް ކުރައްވާފައިވާ ކަމަށާއި މި ދައުރު މެދަށް ދާއިރު ހުރިހާ ރަށަކަށް ދެ ވަނަ ޒިޔާރަތް ނިންމަވާނެކަމަށް ބެލެވޭ ކަމަށެވެ. އަދި މިކަންވާނީ މުޅި ޤައުމު ބަލައިގަންނާނެ އުފަލަކަށް އަދި ފަޚުރަކަށް ކަމަށްވެސް ވިދާޅުވި އެވެ.
"ރައްޔިތުންގެ ޙާލު ގާތުން ބެއްލެވުން. ރައްޔިތުންނަށް ވެރިއެއްގެ ފަރާތްޕުޅުން ފެންނާނެ ގާތްކަން. އަދި ރައްޔިތުންގެ އަޑު ގާތުން އައްސަވާ، ޙާލު އަމިއްލައަށް ދެކެވަޑައިގަތުމާއި، ރައްޔިތުންނަށް އަޅައިލެއްވުމުގައި ފެނުނު ރީތި ނަމޫނާއެއް،" ސައީދު ވިދާޅުވި އެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅުތަކާއެކު، ކޮންމެ ރަށެއްގެ ރައްޔިތުން އެދޭ ތަރައްޤީގެ މަޝްރޫޢުތައް ފެށި، އަސާސީ ޚިދުމަތްތައް ފުރިހަމަވާނެ ކަމުގެ ޔަގީންކަން ކޮންމެ ރަށަކަށް ލިބި، ލާމަރުކަޒީ ހަގީގީ ބާރުވެރިކަން ރަށްތަކަށް ކަށަވަރުވަމުންދާ ކަަމަށްވެސް ސައީދު ވިދާޅުވި އެވެ.