އަންނަ މަހުން ފެށިގެން އައްޑޫ ސިޓީ ޝަންގްރިއްލާ ރިސޯޓަށް މުވައްޒަފުން ނަގަން ފެށުމަށް ނިންމައިފި އެވެ.
ޝަންގްރިއްލާގެ ޖެނެރަލް މެނޭޖަރު ހަވޭ ޑޫބޮސްކް މިއަދު ވަނީ އައްޑޫ ސިޓީ ކައުންސިލާއި ބައްދަލުކުރައްވާފަ އެވެ.
މި ބައްދަލުވުމުގައި ޝަންގްރިއްލާ ހުޅުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު އައްޑޫ ކައުންސިލާއި ވަނީ ހިއްސާކުރައްވާފަ އެވެ. އަދި ޝަންގްރިއްލާ އަށް މުވައްޒަފުން ނެގުމުގެ މަރުހަލާ އަންނަ މަހުގެ އެކަކުން ފެށިގެން އައްޑޫގެ އެކި އަވަށްތަކުގައި ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް މި ބައްދަލުވުމުގައި ޝަންގްރިއްލާގެ އިސް ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.
އަންނަ ޑިސެމްބަރު މަހުގެ ފަހުކޮޅު ޝަންގްރިއްލާ އޮޕަރޭޝަނަށް ގެނައުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.
ރާއްޖޭގެ އެންމެ މަތީ ފަންތީގެ ތެރޭގައި ހިމެނޭ ޝަންގްރިއްލާ ރިސޯޓް ބަންދުކުރީ ކޮވިޑްގެ ވަބާގެ ތެރޭގައި 2020 ގެ މާޗް މަހުގެ ތެރޭގަ އެވެ.
ގަން އެއާޕޯޓުން ލޯންޗްގައި ފަސްވަރަކަށް މިނިޓުން ދެވޭހާ ކައިރީގައި އޮންނަ ޝަންގްރިއްލާ ވިލިގިލި ރިސޯޓަކީ 284 އެނދުގެ ރިސޯޓެކެވެ. ދެހާސް އަށެއްގައި ހުޅުވި ރިސޯޓްގައި 60 ވޯޓަރ ވިލާ، 26 ބީޗް ވިލާ، 28 ޕޫލް ވިލާ، 16 ޓްރީ ހައުސް ވިލާގެ އިތުރުން ދެ ޕްރެޒިޑެންޝަން ވިލާ ވެސް ހުރެ އެވެ.
ޝަންގްރިއްލާ ރިސޯޓަކީ ގޮލްފް ކޯހެއް ވެސް އޮންނަ ރިސޯޓެކެވެ.
އައްޑޫގެ ވަރަށް ގިނަ ބަޔަކު ވަޒީފާ އަދާކުރަމުން ދިޔަ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް ނުހުޅުވި ދިގުލައިގެން ގޮސްފައިވުމަކީ އައްޑޫގެ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.