Last Updated: July 3, 23:06
Saturday, July 4, 2026
ޚަބަރު

ފޭދޫން ނިންމީ ރަނގަޅު ނިންމުމެއް ނޫން، ވޯޓު އޮތީ ސިޔާސީކޮށްފައި

ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ)

އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ނުފެންނަ ކަމަށް ފޭދޫން ނިންމި ނިންމުމަކީ ރައްޔިތުންނަށް އެންމެ ރަނގަޅު ނިންމުމެއް ނޫން ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.

އައްޑޫ ކައުންސިލުން ވަކިވާން ފެނޭތޯ ބެލުމަށް މިދިޔަ ހޮނިހިރު ދުވަހު ފޭދޫގައި ނެގި ވޯޓުގައި ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް 1،784 މީހަކު ވޯޓު ދީފައިވާއިރު، ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް ވޯޓު ދިނީ 616 މީހުންނެވެ.

މި ވޯޓާއި ގުޅޭގޮތުން ރޭ "އަސްލު ޓީވީ"ގައި ވާހަކަދައްކަމުން ފޭދޫގައި ވަކި ކައުންސިލެއް އުފައްދަން ވަރަށް ބޮޑަށް ވަކާލާތު ކުރެއްވި އައިބީ ވިދާޅުވީ މި ވޯޓު ބަޔަކު ސިޔާސީ ކޮށްލީ ކަމަށާއި ހުޅުމީދޫ ވަކިން އޮތުމުން އެ ދެ ރަށަށް މާބޮޑު ސިޔާސީ ނުފޫޒެއް ނުފޯރުވުނުއިރު، ހުރިހާ ސިޔާސީ ވެރިންގެ ހަމަލާތައް އައީ ފޭދޫއަށް ކަމަށެވެ.

ސިޔާސީ މީހުންގެ އިތުރުން ރަށު ކައުންސިލެއް އުފެއްދިއްޖެނަމަ ވިޔަފާރިއަށް ބުރޫ އަރާނެ ކަމަށް ވިދާޅުވެ ކުރީގެ ބަންޑާރަ ނައިބު ޑރ. ހަސަން ސައީދު ހުރިހާ ގެއަކަށް ސިޓީ ވެސް ފޮނުވި ކަމަށާއި މި ހުރިހާ ފަރާތްތަކަކުން ވެސް ޒުވާނުންގެ ބޮލަށް ވެއްދީ އެއްޗެއް ނުލިބުނަސް ސިޓީގެ ނަން އޮތުން މާ މުހިއްމުކަން ކަމަށް އައިބީ ވިދާޅުވި އެވެ.

އައިބީ ވިދާޅުވީ ފޭދޫ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރައްވާ ކަމަށާއި ނަމަވެސް އަދިވެސް ގަބޫލުކުރައްވަނީ ފޭދޫއަށް އެންމެ ރަނގަޅީ ވަކި ކައުންސިލެއް ކަމަށެވެ. އެގޮތުން ވަކި ކައުންސިލެއް އޮތް ނަމަ ފޭދޫއަށް މިނިވަންކަން ލިބޭނެ ކަމަށްވެސް އައިބީ ވިދާޅުވި އެވެ.

"އަޅުގަނޑު އަދިވެސް ގަބޫލުކުރަނީ ފޭދޫ ރައްޔިތުންނަށް އެންމެ ރަނގަޅު ނިންމުމެއް ނޫނޭ އަދި ގިނަ ރައްޔިތުންނަށް އިނގޭ ހަމަ އެ ނިންމުން އެއީ އެންމެ ރަނގަޅު ނިންމުމެއް ނޫންކަން ވެސް،" އައިބީ ވިދާޅުވި އެވެ.

އައިބީ ވަނީ މި ވޯޓަށް ވާދަވެރި ސިޔާސީ ފަރާތްތަކުން ނުފޫޒު ފޯރުވި ނަމަވެސް މި ވޯޓަށް ސަރުކާރުން އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާ ކަމަށްވެސް ވިދާޅުވެފަ އެވެ.