ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރަށްރަށުން ތާއީދު އިތުރުވަމުންދާ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ގައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަތުމުގެ ރެކޯޑް ރައީސް މުއިއްޒު ހާސިލުކުރެއްވުމުން އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުންގެ ގާތަށް ރައީސް މުޢިއްޒު ކުރެއްވި ދަތުރުފުޅަކީ އެމަނިކުފާނުގެ މުރާލިކަމާއި ސާދާކަމާއި ރައްޔިތުންގެ ހާލުއަހުވާލު ބެއްލެވުމަށާއި ރައްޔިތުން އެދޭގޮތަަށް، ލާމަރުކަޒީ އުޞޫލުން ވެރިކަން ކުރެއްވުމަށް އެމަނިކުފާނު ދެއްވާ ސަމާލުކަން ވަރަށް ބޮޑަށް ފާހަގަ ކުރެވުނު ތާރީޚީ ދަތުރުފުޅެއް ކަމަށެވެ.
މި ދަތުރުފުޅުތަކުގައި ތަފާތު ފިކުރުގެ ބޭފުޅުންނާއެކު ރައީސް ބޭއްވި ބައްދަލުވުންތަކުން ސާބިތުކޮށްދެއްވީ ކެތްތެރިކަމާއި އެހެން މީހުންގެ އިޙުސާސްތަކަށް އިޙުތިރާމް ކުރާ މިންވަރު ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި އެއްވެސް ބައްދަލުވުމެއްގައި ޗެލެންޖު ކުރުމެއް ނުވަތަ ގޮތް ދޫ ނުކުރުމެއް ނުވަތަ ޖަދަލު ކުރުމުގެ އެއްވެސް ހާލަތެއް މެދުވެެރި ނުވެ، ރާއްޖޭގެ ހުރިހާ ރަށެއްގައި ބައްދަލުވުންތައް ކުރިއަށްގެންދަވާފައިވަނީ ޑިމޮކްރަސީގެ ރިވެތި އުޞޫލުން ކަމަށްވެސް ވިދާޅުވި އެވެ.
"ދަތުރުފުޅުން އެންމެ ބޮޑަށް ހާމަވީ ރައީސް މުޢިއްޒަށް ރަށްރަށުގައި އިތުރުވަމުންދާ އިޙުތިރާމާއި ލޯތްބާއި ތާއީދު،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އާދަމް ޝަރީފް ވަނީ ރައީސްގެ އަރިހުގައި ހުރިހާ އަތޮޅަކަށް ދަތުރުކުރިއިރު ފާހަގަވީ ޤައުމަށް ހެޔޮ ބަދަލު ގެންނެވުމަަށް ރައީސްގެ ހިތްޕުޅުގައި އުފެދިފައިވާ ޝައުޤުވެރިކަން ކަމަށާއި މިއީ ޙަޤީޤަތުގައި ވެސް އުންމީދީ ރައީސެއް ކަމަށްވެސް ވިދާޅުވެފަ އެވެ.