ސުލްހައިގެ އެއްބަސްވުމާ ހަމާސް ޖަމާއަތުން ހިލާފުވެފައިވާ ކަމަށް ބުނެ އިޒްރޭލުން ގާޒާގެ އެކި ސަރަހައްދުތަކަށް ބޮން އަޅަން ފަށައިފި އެވެ.
އިޒްރޭލުން މި ހަމަލާތައް ދޭން ފެށީ ރަފަހް ސިޓީގައި އިޒްރޭލުގެ ސިފައިންނަށް ހަމާސް އިން ބަޑިން ހަމަލާތައް ދިން ކަމަށް ތުހުމަތުކޮށެވެ. ނަމަވެސް ހަމާސް އިން ވަނީ އެ ހަމަލާއަކީ އެ ޖަމާއަތާއި ގުޅުމެއް އޮތް ހަމަލާއެއް ނޫން ކަމަށް ބުނެފަ އެވެ.
ގާޒާގެ އުތުރުން ފެށިގެން ދެކުނުގެ ސަރަހައްދުތަކަށް އިޒްރޭލުން ދިން ވަރުގަދަ ވައިގެ ހަމަލާތަކުގައި 18 މީހަކު ޝަހީދުވެ، އެތައް ސަތޭކަ ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ޝަހީދުވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެ އެވެ.
ހަމާސް އިން ސުލްހައިގެ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ އިޒްރޭލުން މީގެ ހަފްތާއެއްހާ ދުވަސްކުރިން ވެސް ގާޒާއަށް ހަމަލާތަކެއް ދީފައިވެ އެވެ. އެ ހަމަލާތަކުގައި ގާޒާއިން 45 މީހަކު ޝަހީދުކޮށްލާފައިވެ އެވެ.
ސުލްހައިގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ތެރެއިން ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލުގެ އަސީރުން މިނިވަން ކޮށްފައިވާއިރު، އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ބައެއް މީހުން ވެސް މިނިވަންކޮށްފައިވެ އެވެ.
އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާއިން ވަނީ 68،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ.