Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

ޖެނެެރޭޝަން ބޭން އަށް 24 ގަޑިއިރުގެ ދުވުމެއް

އަންނަ މަހުގެ 1 އިން ފެށިގެން ޖެނެރޭޝަން ބޭން ތަންފީޒު ކުރަން ފަށާތީ އެކަމަށް ހާއްސަކޮށްގެން 24 ގަޑިއިރުގެ ދުވުމެއް ބާއްވަން ނިންމައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މި ދުވުން މާލޭގައި އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00 އިން ފެށިގެން ހޮނިހިރު ދުވަހުގެ ހަވީރު 4:00 އަށް މާލޭ އެކުވެނި ދަނޑުގައި ކަމަށެވެ.

ދުވުން ކުރިއަށް ގެންދަން ނިންމާފައި ވަނީ އާންމުކޮށް ހުޅުވާލައިގެން ބޭނުން ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭ ގޮތަށެވެ.

އެޗްޕީއޭ އިން ބުނީ މި ހަރާކާތް ކުރިއަށް ދާއިރު ސެޒޭޝަން ކްލިނިކްގެ އެހީތެރިކަމާއި ސިއްހީ ރަނގަޅު އާދަތަކަށް އަހުލުވެރިކުރުވުމާއި މައުލޫމާތު ދިނުން، ލައިވް މިއުޒިކް އަދި ދި ފޮޓޯ ބޫތެއް ވެސް ހިމެނޭނެ ކަމަށެވެ.

މާލޭގައި ބާއްވާ ދުވުމާ ގުޅުވައިގެން އަތޮޅުތެރޭގެެ ރަށްރަށުގައި ވެސް ދުވުން ބާއްވަން ހަމަޖެހިފައިވެ އެވެ.

މިދިޔަ މެއި މަހު ދުންފަތް ކޮންޓްރޯލުކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން 2007 އިން ފެށިގެން އުފަންވެފައިވާ ކުދިންނަށާއި އަދި އުފަންވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް އަންނަ މަހުގެ 1 އިން ފެށިގެން މަނާވާނެއެވެ. އޭގެ ތެރޭގައި ދުންފަތުގެ ބާވަތްތައް ބޭނުން ކުރުމާއި ވިއްކުން ވެސް ހިމެނެ އެވެ.