ބޮލީވުޑްގެ ޑައިރެކްޓަރު ކަބީރް ޚާންގެ އާ ފިލްމުގެ ބަތަލަކީ ވެސް ކާތިކް އާރިއަން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކަބީރް މިދިޔަ އަހަރު ގެނެސްދިން "ޗަންދޫ ޗެމްޕިއަން" ގެ ބަތަލަކީ ވެސް ކާތިކެވެ. އެ ފިލްމަކީ އިންޑިއާގެ ޕެރަލިމްޕިކްސްގައި އިންޑިއާ އަށް ރަން މެޑެލް ހޯދައި ދިން ކުރީގެ އެތުލީޓް މުރްލީކާންތު ޕެޓްކަރްގެ ވާހަކަ ކިޔައިދިން ބައޮގްރަފިކަލް ސްޕޯޓްސް ޑްރާމާއެކެވެ.
މީޑިއާތަކުން ބުނީ "ބަޖްގަރަންގ ބައިޖާން" އާއި "އޭކް ތަ ޓައިގާ" ފަދަ މަގުބޫލު ފިލްމުތައް ވެސް ގެނެސްދިން ކަބީރް ދެން ހަދަން ނިންމާފައިވާ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ސްޕޯޓްސް އެކްޝަން ފިލްމެއް ކަމަށެވެ. އެއަށް ކާތިކް މިހާރު އެއްބަސްވެފައިވާ އިރު، މި ފިލްމު ވާނީ އޭނަގެ ކެރިއަރުގެ މިހާތަނަށް ކުޅޭ އެންމެ އަގުބޮޑު ފިލްމަށް ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
ރިޕޯޓްތައް ބުނާ ގޮތުން އޭގެ ބަޖެޓަކީ 150 ކްރޯޑް ރުޕީސް (17.01 މިލިއަން ޑޮލަރު) އެވެ.
ނަމަވެސް އާ ފިލްމާ ބެހޭ އެއްވެސް މައުލޫމާތެއް ކަބީރް އަދި ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު "ޗަންދޫ ޗެމްޕިއަން" ގެ ތަޖުރިބާ އަށް ފަހު، ކާތިކާ އެކު އިތުރު ފިލްމެއް ހަދަން ޝައުގުވެރިވާ ވާހަކަ ކަބީރް ކުރިން ބުނެފައިވެ އެވެ. އެ ފިލްމުން ކާތިކަށް ދާދި ފަހުން ބޭއްވި ފިލްމުފެއާ އެވޯޑްސްގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ވެސް ލިބިފައިވެ އެވެ.
ކާތިކް މިހާރު އަންނަނީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ކްރީޗާ ކޮމެޑީ "ނާގްޒިއްލާ" ގެ ޝޫޓިން އަންނަ މަހުގެ 1 ގައި ފެށުމަށް ތައްޔާރުވަމުންނެވެ. މިދިޔަ އަހަރު "ބޫލް ބުލައްޔާ 3" އިން ފެނިގެން ދިޔަ އެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ ޑިސެމްބަރު 31 ގައި ދަރުމާ އިން ރިލީޒް ކުރަން ނިންމާފައިވާ ރޮމޭންޓިކް ކޮމެޑީ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އެވެ.
ކާތިކް މަސައްކަތް ފަށަައި އަދި ނުނިމި އޮތް ފިލްމަކީ ކުރިން އަންނަ މަހު ގެނެސްދޭން ޕްލޭންކުރި ނަމަވެސް މަޑުޖެހިފައި އޮތް ޑައިރެކްޓަރު އަނޫރާގް ބާސޫގެ ލޯބީގެ ފިލްމެކެވެ. ބެލެވޭ ގޮތުން އެ ފިލްމު އަންނަ އަހަރުގެ މެދު ތެރޭގައި ގެނެސްދޭނެ އެވެ.