ބޮންޑެޑް ވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓޫނުތަކެއް އެތަނުން ނެރުނު މައްސަލައިގައި ކަސްޓަމްސްގެއިސް މުވައްޒަފަކު ވަކިކޮށް، ތުރު ތިން މުވައްޒަފަކަށް ފިޔަވަޅު އަޅަން މިއަދު އަންގާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކަސްޓަމްސް އިން ވަކިކޮށްފައި ވަނީ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ތިއްބެވި ދެ ބޭފުޅެކެވެ. އެ ދެ ބޭފުޅުންނަކީ ގާމުން އަބްދުﷲ ވަހީދާއި މަހްމޫދު ރިޔާޒެވެ. ދެ ބޭފުޅުންނަކީ ވެސް 32 އަހަރަށް ވުރެ ގިނަ ދުވަހު ކަސްޓަމްސ އަށް ޚިދުމަތްކުރައްވާފައިވާ ދެ ބޭފުޅުންނެވެ.

ޑެޕިއުޓީ ކޮމިޝަނަރު ކަމަށް ވަހީދު އައްޔަންކުރީ ޖެނުއަރީ 3، 2024 ގައެވެ. މަހުމޫދު މަގާމަށް އައްޔަންކުރީ 2020 ގަ އެވެ.
ރައީސް ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިއަދު ވިދާޅުވީ މުވައްޒަފުންތަކެއް ފިޔަވަޅު އެޅީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން (241 ކޮމިޓީ އިން) ދިރާސާކޮށްފައިވާ "ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް" ގެ ތެޔޮ ބޯޓެއްގައި ޤާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެ އަށް ސިނގިރޭޓް ކާޓޫނުތަކެއް އެތެރެކޮށްފައިވާ މައްސަލަ އާއި، ބޮންޑެޑް ވެއަރހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް ކަސްޓަމްސް އައަށް ނޭނގި ޤާނޫނާއި ގަވާއިދާ ޚިލާފަށް ބޮންޑެޑް ވެއާހައުސްއިން ނެރެފައިވާ މައްސަލައާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުން ފޮނުވި ސިޓީގައި ދީފައިވާ މަޢުލޫމާތާއި ލަފަ އަށް ރިޢާޔަތްކޮށް ކަމަށެވެ.
އެގޮތުން ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް ގެ މަޤާމުގައި ތިއްބެވި ދެ ބޭފުޅަކު ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މިއަދު ވަކިކޮށް، ކ އިތުރު 3 މުވައްޒަފަކާ ގުޅޭ ގޮތުން، ކަސްޓަމްސް އިން ޢަމަލު ކުރަމުން އަންނަ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން، ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުުމަށް އަންގާފައިބާ ކަމަށް ރައީސް ވިދާޅުވި އެވެ.

ހޯކްސްގެ ތެޔޮ ބޯޓެއްގައި ގަވާއިދާ ހިލާފަށް އެތެރެކޮށްފައިވާ ސިނގިރޭޓް ކާޓޫނުތައް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސް ބެހެއްޓީ ބޮންޑެޑް ވެއާހައުސްއެއްގަ އެވެ. ނަމަވެސް ކަސްޓަމަށް ނޭނގި އެ ބޮންޑެޑް ވެއާހައުސް ސިނގިރޭޓުތައް ނެރެފައިވެ އެވެ.
ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރީ 8،475 ސިނގިރޭޓު ކާޓޫނެވެ. އެ ސިނގިރޭޓުތައް އަތުލައިގަތީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.