ބޮލީވުޑްގެ އަންހެން ޑައިރެކްޓަރެއްގެ ފިލްމެއްގެ މަސައްކަތް އެކްޓަރު ސައިފް އަލީ ޚާން ފަށައިފި އެވެ.
ޕިންކްވިލާ އިން ބުނީ މިދިޔަ ހޯމަ ދުވަހު ޝޫޓިން ފެށި އެ ފިލްމަކީ ސްނޭހާ ތައުރާނީ ޑައިރެކްޓްކުރާ ފިލްމެއް ކަމަށެވެ. ނަން އަދި ހާމަނުކުރާ އެ ފިލްމުގެ ކާސްޓްގައި ޕުލްކިތު ސަމްރާޓް ވެސް ހިމެނެ އެވެ.
ސްނޭހާ އަކީ މަޝްހޫރު ޕްރޮޑިއުސަރު ރަމޭޝް ތައުރާނީގެ ދަރިއެކެވެ. ޓިޕްސް ފިލްމްސްގެ ވެރިޔާ ރަމޭޝް އަކީ ސައިފްގެ ކެރިއަރުގެ ވަރަށް ކާމިޔާބު ފިލްމުތަކެއް ކަމަށްވާ "ރޭސް" އާއި "ރޭސް 2" ގެ ޕްރޮޑިއުސަރެވެ.
ސްނޭހާ ޑައިރެކްޝަނަށް ނުކުތީ 2020 ގެ ކޮމެޑި ޑްރާމާ "ބަންގްރާ ޕާލޭ" އެވެ. ސައިފާ އެކު ސްނޭހާ ހަދަނީ އޭނަގެ ދެވަނަ ފިލްމެވެ. މީގެ މަސައްކަތް މިހާރު ކުރިއަށްދާ އިރު، މިއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ނުލިބެ އެވެ. އެކަމަކު އަންނަ އަހަރު ފިލްމު ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ އެވެ.
ސްނޭހާގެ ފިލްމުގެ މަސައްކަތް ސައިފް ފެށި އިރު، އޭނަ ދާދި ފަހުން ވަނީ ޑައިރެކްޓަރު ޕްރިޔަދަރްޝަނާ އެކު މަސައްކަތްކުރާ ފުރަތަމަ ފިލްމު "ހައިވާން" ގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ނިންމައިފަ އެވެ. އެ ތުރިލާގެ ކާސްޓްގައި އަކްޝޭ ކުމާރާއި ސައްޔާމީ ކޭރް ވެސް ހިމެނެ އެވެ.
މަޝްހޫރު ބަތަލާ ކަރީނާގެ ފިރިމީހާ އަދި ޒުވާން ތަރިން ކަމަށްވާ ސާރާ އަލީ ޚާނާއި އިބްރާހީމް އަލީ ޚާންގެ ބައްޕަ ސައިފްގެ އެންމެ ފަހުގެ ފިލްމަކީ އެޕްރީލް މަހު ނެޓްފްލިކްސް އިން ގެނެސްދިން ދިން ހެއިސްޓް އެކްޝަން ތުރިލާ "ޖުވެލް ތީފް" އެވެ.