ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސިޔާވެފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާތީ އެ ބޭންކްގެ ސީއީއޯ/އެމްޑީ މުހައްމަދު ޝަރީފު މިއަދު އެކަމަށް ރައްދު ދެއްވައިފި އެވެ.
ގައުމީ ބޭންކްގެ ހިދުމަތް މިހާރު މުޅި ރާއްޖެ އަށް ފުޅާ ކުރެވިފައިވާތީ އެކަން ފާހަގަ ކުރަން "ދިވެހިންގެ ބޭންކް މުޅި ރާއްޖެ އަށް" ގެ ނަމުގައި ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ ބޭންކުން އަބަދު ވެސް މަސައްކަތް ކުރަނީ ދިވެހި ރައްޔިތުންނަށް ބޭނުންވާ ލުއި ފަސޭހަތައް ސަރުކާރާ ގުޅިގެން ފޯރުކޮށް ދޭން ކަމަށެވެ.
އެގޮތުން އެކި ކަންކަމަށް ރައްޔިތުން ބޭނުންވާ މާލީ ފެސިލިޓީތައް ފޯރުކޮށް ދިނުމާއި ރަށްރަށުގައި އޭޓީއެމްތައް ބެހެއްޓުން ފަދަ ކަންކަމަކީ ސީދާ ރައްޔިތުންގެ މަންފާ އާއި ލާބަ ކުރަމުން އަންނަ ކަންކަން ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ބޭންކުން ކުރަމުން އަންނަ މިފަދަ މަސައްކަތްތަކާ ގުޅުވައިގެން ބައެއް ފަރާތްތަކުން، ބޭންކް ސިޔާވެފައިވާ ކަމަށް ބުނާ ވާހަކަ އަކީ ރަނގަޅު ވާހަކައެެއް ނޫން ކަމަށް ކަމަށް ޝަރީފު ވިދާޅުވި އެވެ.
"ބޭންކު ސީޔާސީވެއްޖެކަމަށް މަދު ބަޔަކު ދައްކާ ވާހަކަތަކާ ގުޅޭގޮތުން އެއްޗެއް ދަންނަވާލަން އަޅުގަނޑު ބޭނުން. ރަނގަޅު ސިޔާސަތެއްގެ ދަށުން ހިންގޭ ތަރައްގީގެ ޕްރޮޖެކްޓްތަކަށާއި އާންމު ފަރުދުންގެ ކުރިއެރުމަށް، ހަރުދަނާ ބޭންކިން އުސޫލުތަކުގެ ދަށުން ބޭންކުން ކަންތައްތައް ކުރުމަކީ އެއީ ސިޔާސީވުން ކަމަށް އަޅުގަނޑު ނުދެކެން." އޭނަ ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ ރާއްޖެއިން ބޭރުގައި ކިޔަވާކުދިންނަށާއި ރާއްޖެއިން ބޭރަށް އެކި ބޭނުންތަކަށް ދަތުރުކުރާ ފަރާތްތަކަށް ބޭނުންކު ރެވޭ ޑޮލަރު ލިމިޓް އިތުރުކުރުން، ވިޔަފާރިތަކަށް ދޫކުރާ ޑޮލަރުގެ ލިމިޓް އިތުރުކުރުން، ގެދޮރު ގަތުމަށާއި އިމާރާތް ކުރުން ފަދަ އާންމު ފަރުދުންގެ ބޭނުންތަކަށް ފައިނޭންސް ދޫކުރުމުގައި ލުއި ގޮތްތައް ހަމަޖައްސައި ދިނުމާއި މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ބޭންކިން ހިދުމަތް ފުޅާކުރުމަކީ ސިޔާސީވުމެއް ނޫން ކަމަށެވެ.
އޭނަ ވިދާޅުވީ ބޭންކުން މަސައްކަތް ކުރަނީ ރައްޔިތުން ބޭނުންވާ ހިދުމަތްތައް ފަސޭހަކޮށް ލިބޭނެ ގޮތްތައް ހޯދައި ދިނުމާއި ހަމަޖެއްސުމަށް ކަމަށާއި އެއީ ގައުމީ ބޭންކްގެ ހައިސިއްޔަތުން ވެސް ބީއެމްއެލް އިން އަދާ ކިރަން ޖެހޭ ދައުރެއް ކަމަށެވެ.