Last Updated: June 21, 21:40
Sunday, June 21, 2026
ޚަބަރު

ތިންވަނަ ކުއާޓަރުގައި ބީއެމްއެލަށް 475 މިލިއަން

މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 475 މިލިއަން ރުފިޔާ ސާފު ފައިދާއެއް ލިބިއްޖެއެވެ.

ގައުމީ ބޭންކުން މިއަދު ބުނީ ހިންގުމުގެ ފައިދާގެ ގޮތުގައި ކުންފުންޏަށް 791 މިލިއަން ރުފިޔާ ލިބުނު ކަމަށާއި އެއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅައިބަލާއިރު 10 ޕަސަންޓުގެ ކުރިއެރުމެއް ކަމަށެވެ.

ބޭންކުން ދޫކުރާ ޖުމުލަ ލޯނުގެ އަދަދުތައް އިތުރުވަމުން އަންނަ ކަމަށާއި އެގޮތުން މި އަހަރުގެ މިހާތަނަށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 6.5 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.

އަދި ބޭންކް ޖުމްލަ އެސެޓް 51.1 ބިލިއަން ރުފިޔާއަށް ތިންވަނަ ކުއާޓަރުގައި އަރައިފައިވާ އިރު،ކަސްޓަމަރުންގެ ޑިޕޮސިޓް 33.7 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް ވެސް ބުންޏެވެ. މީގެ އިތުރުން ބޭންކުގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންގަނޑަށް ވުރެ މަތީގައި ދެމެހެއްޓިފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލްގެ ސީއީއޯ/މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލަށް ހާސިލުކުރެވިފައި ވަނީ ފަހުރުވެރި މާލީ ނަތީޖާތަކެއް ކަމަށެވެ.

"މީގެ އިތުރުން އެކި މުޖުތަމައުތަކާއި ރާއްޖޭގެ ވިޔަފާރިތަކާއި އިގްތިސާދީ ކުރިއެރުންތަކަށް އެހީތެރިކަން ފޯރުކޮށްދީ، ރާއްޖޭގެ މުސްތަގުބަލު ބިނާކުރުމަށް ބޭންކުން ކުރަމުން އަންނަ މަސައްކަތާ މެދު ވެސް އަޅުގަނޑުމެން ފަހުރުވެރިވޭ." އޭނަ ވިދާޅުވި އެވެ.