Last Updated: June 8, 10:34
Monday, June 8, 2026
މުނިފޫހިފިލުވުން

ސަނީގެ 'ޖާޓް 2' ޑައިރެކްޓް ކުރަން ސަންތޯޝީ އަށް

މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި ސަނީ ޑިއޯލްގެ އެކްޝަން ތުރިލާ "ޖާޓް" ގެ ދެވަނަ ބައި ޑައިރެކްޓް ކުރަން ބޮލީވުޑްގެ ތަޖުރިބާކާރު ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީ އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި އަހަރުގެ އެޕްރީލްގައި ރިލީޒްކުރި "ޖާޓް" އަކީ ތެލެގޫ ޑައިރެކްޓަރު ގޯޕީޗަންދު މަލިނޭނީ ހެދި ފިލްމެކެވެ. އޭގެ ސްކްރީންޕްލޭގައި ވެސް އޭނަ ހިއްސާވި އެވެ.

ނަމަވެސް "ޖާޓް 2" ގެ ޑައިރެކްޓްކުރަން ސަންތޯޝީ އަށް ހުށަހަޅައި މަޝްވަރާތައް ކުރިއަށްދާ ކަމަށާއި އޭނަ ފިލްމާ ހަވާލުވުމުގެ ފުރުސަތު ވެސް ބޮޑު ކަމަށް ޕިންކްވިލާ އިން ބުންޏެވެ.

ސަނީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި މިހާރު ވެސް ސަންތޯޝީގެ ފިލްމެއް އެބައޮތެވެ. އެއީ އާމިރު ޚާން ޕްރޮޑިއުސްކުރާ "ލާހޯރް، 1947" އެވެ. ޝޫޓިން އެއްކޮށްހެން ނިންމާލާފައި އޮތް އެ ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާން ނުކުރެ އެވެ.

ސަންތޯޝީ އަކީ ސަނީގެ ކެރިއަރުގެ ވަރަށް ކާމިޔާބު ފިލްމުތަކެއްގެ ޑައިރެކްޓަރެވެ. އޭގެ ތެރޭގައި "ގާޔަލް"، "ގަތަކް" އަދި "ދާމިނީ" ހިމެނެ އެވެ.