އެސްޑީއެފްސީން ހިދުމަތް ފޯރުކޮށްދޭ އެމްއެސްއެމްއީ ޑިޖިޓަލް އަށް މިއަދު ރީ-ބްރޭންޑް ކޮށްފިއެވެ.
ރީ-ބްރޭންޑިން އަށް ބޭއްވި ހަފްލާގައި އެސްޑިއެފްސީގެ ސީއީއޯ/މެނޭޖިން ޑިރެކްޓަރު ބަދުރުއްދީން ހަސަން ވިދާޅުވީ އެމްއެސްއެމްއީ ޑިޖިޓަލް އަން ރީ ބްރޭންޑް ކުރުމާއި އެކު މިއަދު ފެށިގެން ދަނީ އާ ސަފުހާއެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ ކުންފުނި ވެގެންދާނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް ހަމައެކަނި ފައިނޭންސިން ފޯރުކޮށްދޭ ކުންފުންޏަކަށް ނޫން ކަމަށް ވިދާޅުވި އެވެ.
"ކުރިއަށް އޮތްތަނުގައި މި ކުންފުނި ވެގެން ދާނީ ކުދި ވިޔަފާރިތަކަށް ބޭނުންވާ ވިޔަފާރީގެ ހުރިހާ ސޮލިއުޝަންތަކެއް ލިބޭ ޑިޖިޓަލް ޕްލެޓްފޯމަކަށް." ބަދުރުއްދީން ވިދާޅުވިއެވެ.
އެގޮތުން ޝަރިއާ އުސޫލުތަކާއ އެއްގޮތަށް ކުރެވޭ ފައިނޭންސިންގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގާ އެކި ވިޔަފާރީތައް އެއްތަނަކަށް ގެނެސްދޭ ޑިޖިޓަލް މާކެޓް ޕްލޭސްއަކަށް އެސްޑިއެފްސީ މެދުވެރިކޮށް ފުރުސަތު ފަހިވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
ކުދި ވިޔަފާރިތަކަށް ފައިސާ މެނޭޖް ކުރުމަށް ބޭނުންވާ ޑިޖިޓަލް ޓޫލްސްތަކާއި ވިޔަފާރިތަކަށް ބޭނުންވާ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަންތައް ވެސް އެސްއެމްއީ ޑިޖިޓަލް މޮބައިލް އެޕް މެދުވެރިކޮށް ތައާރަފް ކުރުމަށް ނިންމާފައިވާ ކަމަށް ބަދުރުއްދީން ވިދާޅުވި އެވެ.
އަދި އެ ތަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްބްސިޑަރީއަކަށް ދާދި ފަހުން ބަދަލުވެފައިވާތީ ގައުމީ ބޭންކާ އެކު ކުރެވޭ އިންޓަގްރޭޝަން މަސައްކަތްތަކުގެ ތެރެއިން ބީއެމްއެލްގެ މޮބައިލް އެޕާއި އޭޕީއައި އިން ގުޅުވާލާ ބީއެމްއެލް މޮބައިލް އެޕްގެ ތެރެއިން އެސްއެމްއީ ޑިޖިޓަލް ފެސިލިޓީތައް ކަސްޓަމަރުންނަށް މާދަމާ އިން ފެށިންގެން ފުރުސަތު ލިބޭނެ އެވެ.
"އަދި ފެސިލީޓީތަކަށް ބީއެމްއެލް އެޕް މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ފަހިކުރެވިގެން ދާނެ." ބަދުރުއްދީން ވިދާޅުވިއެވެ.
އެސްއެމްއީ ޑިޖިޓަލް އަކީ ރާޢްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްގީކޮށް ކުރިއެރުވުމަށް މަގުފަހިކޮށް އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ އިސްލާމީ ޝަރީއާ އާއި އެއްގޮތަށް ގާއިމް ކުރެވޭ ފުރަތަމަ މާލީ މުއައްސަސާ އެވެ.