Last Updated: July 4, 06:51
Saturday, July 4, 2026
ޚަބަރު

ޤައުމެއް ކުރިއަރާނީ ސިކުނޑިތަކާއި އަތްތައް ތަރައްގީވެގެން

ޤައުމެއް އާރާސްތުވެ ކުރިއަރާނީ ސިކުނޑިތަކާއި އަތްތައް ތަރައްޤީވެ، ވިސްނުންތެރިކަމާއި އުފެއްދުންތައް މަތިވެރިވެގެންކަމަށާ، މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ދަސްކުރުމަށް ހުޅުވާލެވިފައިވާ ފުރުޞަތުގެ ބޭނުން ހިފުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު، ޒުވާނުންނަށް ގޮވާލައްވައިފި އެވެ.

މޯލްޑިވްސް ޕޮލިޓެކްނިކަށް 50 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން، ޤާބިލު، ދިވެހި ޒުވާނުން އުފެއްދުމަށް ބާރު އަޅާ، އެ ދާއިރާގެ މުހިންމުކަން ރައްޔިތުންނަށް އަންގައިދިނުމުގެ މަޤްޞަދުގައި، މޯލްޑިވްސް ޕޮލިޓެކްނިކުން އިންތިޒާމުކޮށްގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ، "ސްކިލްފެސްޓް" އޯޕަންޑޭ އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސާޖިދާ ވިދާޅުވީ އިންސާނާ ޚަލްޤުކުރައްވާފައިވަނީ އޭނާގެ ކިބައިގައި އެތައް ހުނަރެއް ހިމެނިގެންވާ ގޮތަށްކަމަށާ، ފަހުން ކުރަން ޖެހޭ ކަމަކީ، އެ ހުނަރުތައް ތަރައްޤީކޮށް، ފެންވަރު މަތިކުރުން ކަމަށެވެ.

މޯލްޑިވްސް ޕޮލިޓެކްނިކުން ދަސްކުރެވެން ހުރި މަސައްކަތްތަކާއި ތަރައްޤީކުރެވެން ހުރި ހުނަރުތައް ދަސްކުރުމުގެ ފުރުސަތަކީ އާންމުކޮށް ހުޅުވާލެވިފައިވާ ފުރުސަތެއްކަން ފާހަގަކުރައްވަމުން ސާޖިދާ ވަނީ، އުފާވެރި، އުފެއްދުންތެރި އަދި ޤަދަރުވެރި ދިރިއުޅުމަކަށް މި ފުރުސަތުގެ ބޭނުން ހިފުމަށް އިލްތިމާސްކުރައްވާފަ އެވެ.

ރާއްޖެއަކީ ޒަމާނުއްސުރެ ހުނަރުވެރި ޖީލެއް އޮތް ޤައުމެއް ކަމަށާ، ކުރީގެ ޖީލުތަކަކީ ދުނިޔެއަށް އެ ހިނދަކަށް އައި ބަދަލުތަކަށް އަހުލުވެރިވެ، އެ ބަދަލުތަކާއި އެއްހަމައެއްގައި ކުރިއަށްދިޔަ ބައެއް ކަމަށާއި ތަފާތު އެކި ދާއިރާތަކުން ޢިލްމާއި ހުނަރު ދަސްކުރުމުގެ ފުރުޞަތުތައް މިއަދު އިންތިހާއަށް ފަހިވެފައިވާއިރު، މަސައްކަތްތެރިކަން ދިރުވުމުގެ ޤާބިލުކަން އަށަގެންނެވުމަށް ދިވެހި ޒުވާނުން ފަސްނުޖެހޭނެކަން ޤަބޫލުފުޅުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

މީގެއިތުރުން ރާއްޖޭގައި ހުނަރުވެރިކަމާއި މަސައްކަތްތެރިކަން ކުރިއެރުވުމަށް، އެކި ނަންނަމުގައި މޯލްޑިވްސް ޕޮލިޓެކްނިކުން، ފާއިތުވީ ބައި ޤަރުނުގެ ތެރޭގައި ކޮށްދެއްވި މަސައްކަތްތަކުގެ އަގު ވަޒަންކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، މި ދާއިރާއަށް އެކިދުވަސްވަރު ޚިދުމަތްކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.