Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

ޖޭއެސްސީ އަށް ހުސްނީ އައްޔަންކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް، ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު، ޙުސްނީ މުބާރިކް މިއަދު ޢައްޔަންކޮށްފި އެވެ.

އޭނަ މެންބަރު ކަމަށް އައްޔަން ކުރީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ޙުސްނީ ވަނީ ޖޭއެސްސީހެ ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވައިފައެވެ. އޭނަ އަށް މެންބަރުކަމުގެ ހުވައިލައިދެއްވީ، ސުޕްރީމް ކޯޓްގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިނެވެ.

އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން ޙުސްނީއާ ޙަވާލުކޮށް ދެއްވި އެވެ.

އޭނަ ޖޭއެސްސީގެ މެންބަރުކަމަށް ޢައްޔަންކުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، އެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.

އެ މަގާމުގައި މީގެ ކުރިން ހުންނެވީ މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް އެވެ. އެ މަގާމު ހުސްވީ ރިޒާ އިސްތިއުފާ ދެއްވުމުންނެވެ. އޭނަ އިސްތިއުފާ ދެއްވި އިރު ހުންނެވީ ޖޭއެސްސީގެ ރައީސްގެ މަގާމުގަ އެވެ.