ކާބޯތަކެތި ތައްޔާރުކުރުމަށްފަހު އުކާލާ ކައްކާ ތެޔޮ ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.
އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ރިސޯޓްތަކުން އުކާލާ ތެޔޮ އަލުން ބޭނުންކޮށް ވިއްކާމުންދާކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށާއި އެގޮތަށް އުކާލާ ތެޔޮ ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށާއި އަދި އެއީ އާންމު ސިއްހަތަށް ނުރައްކާވެދާނެ ފަދަ ކަމެއްކަމަށް ބަޔާންކޮށް، 14 ފެބުރުވަރީ 2018 ގައިވެސް އެ އޮތޯރިޓީން އާންމުންނަށް އަންގާފައިވާ ކަމަށެވެ.
"މިގޮތަށް ކާބޯތަކެތި ތައްޔާރުކުރުމަށްފަހު އުކާލާ ކައްކާ ތެޔޮ ބޭނުން ނުކުރުމަށް އަންގަމެވެ. މިފަދަ ތަކެތި ވިއްކާ އަދި ބޭނުން ކުރާ ފަރާތްތަކާއި މެދު ގާނޫނު ނަންބަރު 2024/6 ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގައިވެސް ދަންނަވަމެވެ." ބަޔާނުގައި ބުނެފައިވެ އެވެ.
އެމްއެފްޑީއޭއިން ބުނިގޮތުގައި، ގާނޫނު ނަންބަރު 2024/6 ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގައި ބަޔާންކުރާ "ކާބޯތަކެތީގައި ހުންނަންޖެހޭ އާންމު ޝަރުޠުތައް" މިފަދަ ތެލުގައި ފުރިހަމަ ނުވާނެ އެވެ.
މީގެ އިތުރުން ރިސޯޓުފަދަ ތަންތަނުން އުކާލާ ތެލަކީ ހަލާލުނޫން ކާބޯތަކެތިން ތަޣައްޔަރުވެފައިވާ ތެޔޮކަމުގައި ވުމުގެ ފުރުސަތު އޮތް ކަމެއްކަންވެސް އެ އޮތޯރިޓީން ވަނީ ފާހަގަކޮށްފައެވެ.