ބިޑަކާ ނުލައި ވަޒީރުންގެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ ބޭނުން ފަރާތަކަށް "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ހަވާލުކުރެވޭ މަޝްރޫއުތަކުގެ މައްސަލަތައް އެމްޑީޕީގެ ވެރިކަމެއްގައި ބަލާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ މިއީ ފާއިތުވީ އަހަރުތެރޭ މި ގަވާއިދަށް ގެނެވުނު އެތަކެއް ބަދަލުތަކުގެ ތެރެއިން އެންމެ ނުރަގަނޅު ބަދަލު ކަމަށާއި އަދި، މި ފަދަ ބަދަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ ގޮތުން އަދި އިންވެސްޓަރުންނަށް މުޅި ރާއްޖޭގެ މާލީ ނިޒާމާމެދު އޮންނަ އިތުބާރު އެއްކޮށް ގެއްލިފައިވާ ކަމަށެވެ.
މި ފަދަ ކަންކަން ބަލައި، ޖަވާބުދާރީ ކުރުމަށް ކަނޑައަޅައިފައިވާ، މަރުކަޒީ ބޭންކާއި އޮޑިޓާ ޖެނެރަލް އޮފީސް ފަދަ މުއައްސަސާތައް ސިޔާސީކޮށް، ސަރުކާރުގެ ސީދާ ބާރުގެ ދަށަށް ގެންގޮސްފައި އޮތް މިފަދަ ދަނޑިވަޅެއްގައި، މުޅި ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ސީދާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ނަގައި، ސިޔާސީ ނުފޫޒު ފޯރުވޭގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ބަދަލުކުރުމަކީ ސަރުކާރުގެ ޚުދުމަތާރުކަމަށް އިތުރުވާ ބޮޅެއް ކަމަށް އެމްޑީޕީން ބުންޏެވެ. އަދި ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގެ މިނިވަންކަމާއި، ދެފުށް ފެންނަގޮތަށް އަދި ދައުލަތަށް އެންމެ ފައިދާ ވާނެގޮތަށް ގެންދިއުމަށް ހުރަސް އެޅި، ރައްޔިތުންނާއި، ދައުލަތުގެ ފައިސާއާއި މުދަލަށް ނުރައްކާ ބޮޑު ކަންކަން ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ޖާގަ މިކަމުން ހުޅުވިގެންދާނެ ކަމަށްވެސް ބުނެފައިވެ އެވެ.
އެމްޑީޕީން ބުނިގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވުމަށް ފަހުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ގެނެވިފައިވާ އެންމެހާ ބަދަލެއް ގެނެސްފައިވަނީ ދައުލަތުގެ ޕްރޮކިއުމަންޓްގެ ތެރެއިން ބޭނުން މަޝްރޫއެއް ބޭނުން ފަރާތަކަށް ބޭނުން އަގެއްގައި ހަވާލުކުރުމަށް މަގުފަހިކުރުމެވެ.
"އެމްޑީޕީގެ ދެން އުފެދޭ ސަރުކާރެއްގައި، މިފަދައިން ހަދާފައިވާ އެންމެހައި އެއްބަސްވުންތަކުގެ މައްސަލަތައް ބަލާނެކަމަށް ދަންނަވަމެވެ. ހަމަ އެގޮތުން، މި ފަދަބަދަލުތަށް ގެނައުމުގައި އަދި ތަންފީޒުކުރުމުގައި ބައިވެރިވާ ފަރާތްތަކުގެ މައްސަލަބަލައި، ޤާނޫނީ ފިޔަވަޅު އަޅާނަމެވެ،" އެ ބަޔާނުގައިވެ އެވެ.
އެމްޑީޕީން ބުނީ ދެފުށްފެންނަ، އަދި ވާދަވެރި ޕްރޮކިއުމަންޓް ނިޒާމެއްގެ އެންމެ އަސާސީ ބޭނުމަކީ ޖަވާބުދާރީ ކުރެވޭ، ރައްޔިތުންގެ އިތުބާރު އޮތް މާލީ ނިޒާމެއް އުފެއްދުން ކަމަށާއި ނަމަވެސް މި ސަރުކާރުން ރޭވިގެން ހިންގޭ އެންމެ ބޮޑު މަޝްރޫއަކީ އެ ނިޒާމު ބަލިކަށިކޮށް، ފުނޑާލައި، ދިވެހިރައްޔިތުންގެ މާލިއްޔާ ވެރިމީހާގެ ބާރުގެ ދަށަށް ގެންދިއުން ކަމަށެވެ. އެހެންކަމުން މިފަދަ ނޭއްގާނީ ކަންކަމުން ދުރުވެ، މިކަންކަން ހުއްޓާލައި، ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސަށް ރުޖޫޢަވުމަށް އެ ޕާޓީން ގޮވާލާފައިވެ އެވެ.