Last Updated: July 4, 06:51
Saturday, July 4, 2026
ޚަބަރު

އައްޑޫ ކައުންސިލް މިވަގުތު އޮތީ ގާނޫނީ ހުސްކަމެއްގައި

އައްޑޫ ސިޓީ ކައުންސިލް މިވަގުތު އޮތީ ގާނޫނީ ބޮޑު ހުސްކަމެއްގެ ތެރޭގައި ކަމަށް، އައްޑޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އިމާދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އައްޑޫ ކައުންސިލުން އިއްޔެ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަމުން އިމާދު ވިދާޅުވީ ހުޅުދޫ އަދި މީދޫގައި ރަށު ކައުންސިލެއް އުފައްދަން އެ ދެ ރަށުގެ ރައްޔިތުން ނިންމި ނިންމުމާއެކު އައްޑޫ ކައުންސިލް މިވަގުތު އޮތީ ގާނޫނީ ބޮޑު ހުސްކަމެއްގެ ތެރޭގައި ކަމަށާއި އެ ދެ ރަށުގެ ރައްޔިތުން ނިންމި ނިންމުން ލަސްނުކޮށް ތަންފީޒު ކުރުމަށް އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ނަމަވެސް އެ އިންތިޒާމުތައް ހަމަޖައްސާނީ ކޮން ފަރާތަކުންކަން އެނގެން ނެތް ކަމަށާއި އަދި މިގޮތަށް ދިމާވާ ހާލަތްތަކުގައި އަމަލުކުރާނެ އެއްވެސް އިޖުރާއަތެއް އެއްވެސް ގާނޫނެއްގައި ލިޔެވިފައި ނެތް ކަމަށް އިމާދު ވިދާޅުވި އެވެ. އަދި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔައީ މީގެއިން އެއްވެސް ކަމެއް ސާފުކޮށް ނުދީ ކަމަށްވެސް އިމާދު ވިދާޅުވި އެވެ.

އިމާދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ފަހު ސަރުކާރުން މިހާތަނަށް މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އަދި ރައްޔިތުން ނިންމި ނިންމުމުން ތަންފީޒުނުކޮށް ލަސްކުރުމަކީ "ހަމައެއް ލަމައެއް" އޮތް ކަމެއް ނޫން ކަމަށާއި މިކަމުގައި ކުރިއަށް ދެވޭނެ ގޮތެއް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދައްކަންޖެހޭ ކަމަށްވެސް އިމާދު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އައްޑޫގެ މޭޔަރު އަލީ ނިޒާރު ވަނީ މިކަމުގައި ކުރިއަށްދާނެ ގޮތުގެ ލަފައެއް ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް މިއަދު ލިޔުމުން އެދޭނެ ކަމަށް ވިދާޅުވެފަ އެވެ.