Last Updated: July 4, 06:51
Saturday, July 4, 2026
ޚަބަރު

ރައީސް އައްޑު އަށް ވަޑައިގަންނަވާނީ އަންނަ ބުދަ ދުވަހު

ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަ ހަފްތާގެ ބުދަ ދުވަހު އައްޑު އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސް މުއިއްޒު އައްޑުއަށް ފުރަތަމަ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި އޮތީ މި މަހުގެ 28ގަ އެވެ. ނަމަވެސް މިހާރު ނިންމާފައިވަނީ އަންނަ ބުދަ ދުވަހު އައްޑުއަށް ވަޑައިގަންނަވާ ގޮތަށެވެ.

އައްޑުއަށް ވަޑައިގެންނެވުމުގެ ކުރިން އަންނަ އަންގާރަ ދުވަހު ރައީސް ފުވައްމުލަކު ސިޓީއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސް އައްޑުއަށް ކުރައްވާ ދަތުރުފުޅުގައި ބީއެމްއެލްގެ އޭޓީއެމްތަކެއް ހުޅުވުމަށް ހަމަޖެހިފައިވާއިރު، ބައެއް މަޝްރޫއުތައް އިފްތިތާހުކޮށްދެއްވުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ރައީސް އައްޑުއަށް ވަޑައިގަންނަވާއިރު އައްޑޫގެ ބައެއް ޕްރޮޖެކްޓުތައް ބައެއް ކުންފުނިތަކާއި މީގެކުރިން ވަނީ ހަވާލުކޮށްފަ އެވެ. އެގޮތުން އައްޑޫ ލިންކް ރޯޑު ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ)އާ މިއަހަރުގެ ކުރީކޮޅު ހަވާލުކުރި ނަމަވެސް މިހާތަނަށް އެ މަސައްކަތް ފަށާފައެއް ނުވެ އެވެ.

އަދި ހިތަދޫ އާއި ހުޅުދޫ-މީދޫ ގުޅާލާ ބްރިޖުގެ ސާވޭ ހަދަން މިސްރުގެ އަރަބް ކޮންޓްރެކްޓާސް ގްރޫޕާއެކު މިދިޔަ އަހަރު ސޮއި ކޮށްފައި އޮއްވާ އަނެއްކާ އެ މަސައްކަތް ޗައިނާގެ ޓީވައިލިން އިންޓަނޭޝަނަލްއާ ދާދިފަހުން ވަނީ ހަވާލުކޮށްފަ އެވެ. އަދި އިންޓަގްރޭޓެޑް ރިސޯޓެއްގެ ގޮތުގައި ހަންކެޑެ ތަރައްގީކުރަން ޓޫރިޒަމް މިނިސްޓްރީން މި މަހުގެ ކުރީކޮޅު ހުޅުވާލާފައިވާއިރު، އައްޑޫގައި ބަންދުކޮށްފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ޝަންގްރިއްލާ ރިސޯޓު މިއަހަރު ނިމުމުގެ ކުރިން ހުޅުވަން އަންނަނީ ތައްޔާރުވަމުންނެވެ.