Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ރައީސްގެ އައްޑޫ ދަތުރުގައި އޮތީ ރިބަން ކެނޑުން

ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަ ހަފްތާގައި އައްޑު އަށް ކުރައްވާ ދަތުރުގައި އޮތީ ރިބަން ކެނޑުން ފަދަ ކުދި ކަންކަން ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު އައްޑޫ އަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު އެވެ.

މި ދަތުރާއި ގުޅޭގޮތުން އައްޑޫ ކައުންސިލްގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަމުން ނިޒާރު ވިދާޅުވީ ރައީސްގެ މި ދަތުރުގެ ބައެއް ކަންކަމަށް ތައްޔާރީތައް ވަމުންދާއިރު އޭގެތެރޭގައި ހިމެނެނީ ކުދިކުދި ކަންތައްތަކެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"ރަނގަޅު ބޮޑު ކަމަކަށް، އައްޑޫ މި އުއްމީދުކުރާ ކަހަލަ ބޮޑު ޕްރޮޖެކްޓަކަށް މާބޮޑު ތައްޔާރެއް ނުވެވޭ. ހަމަ ރިބަން ކެނޑުމުގެ ކުދިކުދި ކަންކަން ހިނގާނެ ކަމަށް އުއްމީދު ވެވެނީ،" ނިޒާރު ވިދާޅުވި އެވެ.

ރައީސް އައްޑުއަށް ވަޑައިގަންނަވާއިރު އައްޑޫގެ ބައެއް ޕްރޮޖެކްޓުތައް ބައެއް ކުންފުނިތަކާއި މީގެކުރިން ވަނީ ހަވާލުކޮށްފަ އެވެ. އެގޮތުން އައްޑޫ ލިންކް ރޯޑު ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ)އާ މިއަހަރުގެ ކުރީކޮޅު ހަވާލުކުރި ނަމަވެސް މިހާތަނަށް އެ މަސައްކަތް ފަށާފައެއް ނުވެ އެވެ.

އަދި ހިތަދޫ އާއި ހުޅުދޫ-މީދޫ ގުޅާލާ ބްރިޖުގެ ސާވޭ ހަދަން މިސްރުގެ އަރަބް ކޮންޓްރެކްޓާސް ގްރޫޕާއެކު މިދިޔަ އަހަރު ސޮއި ކޮށްފައި އޮއްވާ އަނެއްކާ އެ މަސައްކަތް ޗައިނާގެ ޓީވައިލިން އިންޓަނޭޝަނަލްއާ ދާދިފަހުން ވަނީ ހަވާލުކޮށްފަ އެވެ. އަދި އިންޓަގްރޭޓެޑް ރިސޯޓެއްގެ ގޮތުގައި ހަންކެޑެ ތަރައްގީކުރަން ޓޫރިޒަމް މިނިސްޓްރީން މި މަހުގެ ކުރީކޮޅު ހުޅުވާލާފައިވާއިރު، އައްޑޫގައި ބަންދުކޮށްފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ޝަންގްރިއްލާ ރިސޯޓު މިއަހަރު ނިމުމުގެ ކުރިން ހުޅުވަން އަންނަނީ ތައްޔާރުވަމުންނެވެ.