ކްރިސްޓަލް ޕެލެސް އަތުން 3-0 އިން ބަލިވެ އިނގިރޭސި ލީގު ކަޕުން ލިވަޕޫލް ކަޓައިފި އެވެ.
މިއީ އެންމެފަހުން ލިވަޕޫލް ކުޅުނު 7 މެޗުގެ ތެރެއިން އެޓީމު ބަލިވި ހަވަނަ މެޗެވެ. އަދި މިއީ މި ސީޒަނުގައި ލިވަޕޫލް ޕެލެސް އަތުން ބަލިވި ތިންވަނަ ފަހަރެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗަށް ލިވަޕޫލުން ނެރުނު ފުރަތަމަ އެގާރައިން ބޮޑަށް ޖާގަ ދީފައިވަނީ ޒުވާން ކުޅުންތެރިންނަށެވެ. މި މެޗުގެ ފުރަތަމަ ހާފް ޕެލެސްއިން ނިންމާލީ ދެ ގޯލުގެ ލީޑަކާއެކު ކަމަށްވާއިރު، މި ދެ ގޯލުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއިލާ ސާ އެވެ.
މެޗުގެ 79 ވަނަ މިނެޓްގައި ޕެލެސްގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ލިވަޕޫލްގެ އުމުރުން 18 އަހަރުގެ ޑިފެންޑަރު އަމަރާ ނަލޯއަށް ރަތްކާޑު ދެއްކިއިރު ޕެލެސްގެ ތިންވަަނަ ގޯލު މެޗުގެ 88 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޔެރެމީ ޕިނޯ އެވެ.
އިނގިރޭސި ލީގު ކަޕްގެ ކުއާޓާގައި ޕެލެސް ބައްދަލުކުރާނީ އާސެނަލްއާ އެވެ. އާސެނަލް ކުއާޓާއިން ޖާގަ ހޯދީ އަމިއްލަ ދަނޑުގައި ބްރައިޓަން 2-0 އިން ބަލިކޮށްގެންނެވެ.
މީގެއިތުރުން ސްވަންސީ ސިޓީ 3-1 އިން ބަލިކޮށް މެންޗެސްޓާ ސިޓީ ވެސް ކުއާޓާއަށް ދަތުރުކުރިއިރު، ޗެލްސީން ވަނީ 4-3 އިން ވުލްވްސް ބަލިކޮށް ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. އަދި ނިއުކާސަލް ޔުނައިޓެޑް އަތުން 2-0 އިން ބަލިވެ ޓޮޓެންހަމް ވަނީ މުބާރާތުން ކަޓައިފި އެވެ.
ކުއާޓާފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހު އެވެ.
އިނގިރޭސި ލީގު ކަޕްގެ ކުއާޓާފައިނަލް މެޗުތައް:
އާސެނަލް – ކްރިސްޓަލް ޕެލެސް
މެންޗެސްޓާ ސިޓީ – ބްރެންޓްފޯޑް
ޗެލްސީ – ކާޑިފް ސިޓީ
ނިއުކާސަލް ޔުނައިޓެޑް – ފުލަމް