Last Updated: June 8, 10:34
Monday, June 8, 2026
މުނިފޫހިފިލުވުން

އަގަސްތިއާގެ ފިލްމުގެ ޓްރެއިލާ ދައްކާލައިފި

އަމީތާބް ބައްޗަންގެ ކާފަދަރިފުޅު، އަގަސްތިއާ ނަންދާގެ ދެވަނަ ފިލްމު "އިއްކީސް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ޑިސެންބަރު މަހު ސިނަމާތަކަށް ދޫކޮށްލަން ނިންމާފައިވާ މި ފިލްމަކީ ބޮލީވުޑްގެ މިހާރުގެ އެންމެ ކާމިޔާބު ސްޓޫޑިއޯތަކުގެ ތެރޭގައި ހިމެނޭ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އަށް ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ކުޅަދާނަ ޑައިރެކްޓަރު ސްރީރާމް ރަގްވަން ޑައިރެކްޓްކޮށްފައިވާ ތާރީހީ ބައޮގްރަފިކަލް ޑްރާމާއެކެވެ.

"އިއްކީސް" ގައި އަގަސްތިއާ ކުޅެފައި ވަނީ އުމުރުން 21 އަހަރުގައި މަރުވެފައިވާ އިންޑިއާގެ ކުރީގެ އަސްކަރީ އޮފިސަރެއް ކަމަށްވާ އަރޫން ކެތުރިޕާލްގެ ރޯލެވެ. އޭނަ މަރުވީ ޕާކިސްތާނާއި އިންޑިއާއާ ދެމެދު 1971 ގައި ހިނގި ބަސަންތަރު ހަނގުރާމައިގަ އެވެ.

"އިއްކީސް" ގެ ކާސްޓްގައި ދަރުމެންދުރާ، ޖައިދީޕް. އަހުލުވާތު، ރާހުލް ދޭވް، ވިވާން ޝާހް، ސިކަންދަރު ކޭރް އަދި އެކަވަލީ ކަންނާ ވެސް ހިމެނެ އެވެ. މި ފިލްމުން އަކްޝޭ ކުމާރަށް ބޮޑުބޭބެ ކިޔާ، ސިމަރު ބާޓިއާ ވެސް ބޮލީވުޑަށް ތައާރަފު ވާނެ އެވެ.

އަމީތާބްގެ އަންހެން ދަރިފުޅު ޝްވޭޗތާ ބައްޗަންގެ ދެ ކުދިންގެ ތެރެއިން ހަގު ދަރިފުޅު، އަގަސްތިއާގެ ފުރަތަމަ ފިލްމަކީ ނެޓްފްލިކްސްގެ 2023 ގެ "ދި އާޗީސް" އެވެ. އެ ފިލްމަކީ ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާނާއި ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅު ހުޝީ ކަޕޫރްގެ އިތުރުން ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ އެކްޓަރު ވެދާންގް ރައިނާ ވެސް ތައާރަފުވި ފިލްމެވެ.

"އަންދާދުން" އާއި "ބަދުލާޕޫރް" އަދި "އޭކް ހަސީނާ ތީ" ފަދަ ކާމިޔާބު ތުރިލާތައް ގެނެސްދީފައިވާ ސްރީރާމްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ކެޓްރީނާ ކައިފާއި ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތީއާ އެކު ގެނެސްދިން މިސްޓްރީ ތުރިލާ "މެރީ ކްރިސްމަސް" އެވެ.

"އިއްކީސް" ގެ ޓްރެއިލާ ދައްކައިލި ނަމަވެސް މެޑޮކް އިން އަދިވެސް މި ފިލްމު ރިލީޒްކުރާނެ ސީދާ ތާރީހެއް ހާމައެއް ނުކުރެ އެވެ. އެ ސްޓޫޑިއޯގެ އެންމެ ފަހުގެ ފިލްމަކީ އެތަނުގެ ހޮރޯ-ކޮމެޑީ ޔުނިވާސް އަށް ނިސްބަތްވާ "ތާމާ" އެވެ. އަޔޫޝްމަން ކްރާނާ އާއި ރަޝްމިކާ މަންދަނާ ލީޑް ރޯލު ކުޅެފައިވާ ފިލްމު ރިލީޒްކުރީ މި މަހުގެ 21 ގަ އެވެ.