އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 1.8 މިލިއަނަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ޓޫރިސްޓް އެރައިވަލްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 27 ގެ ނިޔަލަށް 1،804،515 ޓޫރިސްޓުން އައިސްފައިވެ އެވެ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 1،641،937 ފަތުރުވެރިންނެވެ. އެހެންވެ މިއީ 9.9 ޕަސެންޓްގެ ކުރިއެރުމެކެވެ.
މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވާ 10 ގައުމަކީ ޗައިނާ (291،573 ޓޫރިސްޓުން)، ރަޝިއާ (223،857 ޓޫރިސްޓުން)، އިނގިރޭސިވިލާތް (159،615 ޓޫރިސްޓުން)، ޖަރުމަން (132،394 ޓޫރިސްޓުން)، އިޓަލީ (119،261 ޓޫރިސްޓުން)، އިންޑިއާ (104،500 ޓޫރިސްޓުން)، އެމެރިކާ (51،892 ޓޫރިސްޓުން)، ފްރާންސް (46،629 ޓޫރިސްޓުން)، ސްޕެއިން (43،749 ޓޫރިސްޓުން) އަދި އޮސްޓްރޭލިއާ (34،440 ޓޫރިސްޓުން) އެވެ.
ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ. މިހާރު ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 6،200 އަށް ވުރެ ގިނަ ޓޫރިސްޓުން އާދެ އެވެ.
މިދިޔަ އަހަރު ރާއްޖެ އައިސްފައި ވަނީ 2.2 މިލިއަން ޓޫރިސްޓުންނެވެ.