Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

ފޭކް ސްލިޕް ފޮނުވި މީހަކު 3 މަހަށް ޖަލަށް

ވިޔަފާރިކޮށްގެން ފޭކު ބޭންކް ސްލިޕެއް ފޮނުވި މީހަކު ޖަލަށް ލާން ކްރިމިނަލް ކޯޓުބް ހުކުމްކޮށްފި އެވެ.

ތިން މަހާއި 25 ދުވަހަށް ޖަލު ހުކުމެއް އިއްވާފައި ވަނީ ކުޅުދުއްފުށީ، ޗާނދަނީގޭ، މުހައްމަދު ފާރިހުގެ މައްޗަށެވެ.

އޭނަގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ މަކަރާއި ހީލަތް ހެދުމުގެ ދައުވާ އެވެ. އެގޮތުން މަކަރާއި ހީލަތުން ފިހާރައިން ނެގި މުދަލުގެ އަގު 1،299ރ. އަށް އަރަ އެވެ. ފާރިހު ނެގި ތަކެތީގެ ތެރޭގައި ހިމެނެނީ ތިން ފޮށި ސިނގިރޭޓާއި ދެ އެކްސެލް ދަޅާއި އެއް ކްރަމްޕީ ފުޅި އާއި އެއް ޕާނާއި ދެ ޕެކެޓް ކޮފީ އަދި ދެ ފުޅި ކޮފީ އެވެ.

އެ ތަކެއްޗަށް ފައިސާ ދެއްކި ކަމަށް ދައްކަން ފޭކް ސްލިޕް ފޮނުވި މައްސަލައިގައި ކޯޓުގައި ވާހަކަ ދައްކަމުން ފާރިހު ވަނީ ދައުލަތުން އޭނާގެ މައްޗަށް ކުރި ދައުވާއަށް އިއުތިރާފުވެފަ އެވެ.

ދައުލަތުގެ ފަރާތުން ބުނެފައި ވަނީ ކުށުގެ އަދަބުގެ އަސާސީ މިންގަނޑަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުން ކަމަށެވެ. އަދި އޭގެ އިތުރުން ކުށުގެ ރެކޯޑަށް ބަލައި އަދަބުގެ މިންވަރު އަސާސީ މިންގަނޑުން އެއް ދަރަޖަ މަތިކުރަން ޖެހޭ ކަމަށެވެ. ނަމަވެސް ފާރިހު ކުށަށް އިއުތިރާފުވެފައިވާތީ އަދަބުގެ މިންވަރު އަސާސީ މިންގަނޑުން އެއް ދަރަޖަ ދަށް ކުރުމަށް އެދޭ ކަމަށް ދައުލަތުން ބުންޏެވެ.

ވިޔަފާރިކޮށްގެން ފޭކް ސްލިޕް ފޮނުވުމުގެ މައްސަލަ އަކީ ރާއްޖޭގައި މިހާރު ވަރަށް އާންމުވެފައިވާ ކަމެކެވެ.