ބޮލީވުޑްގެ ޒުވާން ތަރިން ކަމަށްވާ ލަކްޝް ލަލްވާނީ އާއި އަނަންޔާ ޕާންޑޭ އެކީގައި ފެންނާނެ ފުރަތަމަ ފިލްމު "ޗާންދު މޭރާ ދިލްް" ގެ ޝޫޓިން ނިންމާލައިފި އެވެ.
މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ވިވެކް ސޯނީ ހަދާ ފިލްމެކެވެ. ލޯބީގެ ވާހަކައެއް ކިޔައިދޭނެ "ޗާންދު މޭރާ ދިލް" ގެ ޝޫޓިން ނިންމާލައި، ފިލްމުގެ ޓީމުން އެކަން ފާހަގަކުރަން ބޭއްވި ހަފުލާއެއްގެ ފޮޓޯތަކެއް ވެސް ޓީމުގެ މެންބަރުން އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ.

ކުރިން މި އަހަރު ގެނެސްދޭ ގޮތަށް "ޗާންދު މޭރާ ދިލް" ދަރުމާ އިން އިއުލާންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އޭރު ފިލްމުގެ ހަތަރު ޕޯސްޓަރެއް ވެސް ދައްކައިލި އެވެ.
"ޗާންދު މޭރާ ދިލް" ގެ ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ ދަރުމާ އިން ޖުލައި މަހު ނެޓްފްލިކްސް އަށް ގެނެސްދިން ރޮމޭންޓިކް ކޮމެޑީ ޑްރާމާ "އާޕް ޖޭސާ ކޮއީ" އެވެ. އޭގެ ތަރިންނަކީ އާރް މާދްވަން އާއި ފާތިމާ ސަނާ ޝައިހެވެ.
ޗާންދު މޭރާ ދިލް" ގެ ޝޫޓިން ނިންމާލި އިރު އަނަންޔާގެ ކުރިއަށް އޮތް ފިލްމަކީ ދަރުމާ އިން މި އަހަރުގެ ޑިސެންބަރު 31 އަށް ތާވަލުކޮށްފައި އޮތް ރޮމޭންޓިކް ކޮމެޑީ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އެވެ. ސަމީރު ވިދުވަންސް ޑައިރެކްޓްކޮށްފައިވާ އެ ފިލްމުގެ ބަތަލަކީ ކާތިކް އާރިއަނެވެ.
އަނަންޔާ ބޮލީވުޑަށް ނުކުތީ ވެސް ދަރުމާގެ ފިލްމަކުންނެވެ. އެއީ 2019 ގެ "ސްޓޫޑެންޑް އޮފް ދި އިޔާ" އިންނެވެ.
View this post on Instagram
މިހާރު ބޮލީވުޑްގައި ކުރިއަރަމުން އަންނަ ލަކްޝްގެ ވެސް ފުރަތަމަ ފިލްމަކީ ދަރުމާގެ ފިލްމެކެވެ. އެއީ މިދިޔަ އަހަރުގެ "ކިލް" އެވެ. ލަކްޝް އެންމެ ފަހުން ފެނިފައި ވަނީ ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން މިދިޔަ މަހު ގެނެސްދިން "ދަ ބޭޑްސް އޮފް ބޮލީވުޑް" އިންނެވެ.
"ޗާންދު މޭރާ ދިލް" ގެ ޝޫޓިން ނިންމައިލި ނަމަވެސް މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު ބެލެވޭ ގޮތުން އަންނަ އަހަރު ކުރީކޮޅު ފިލްމު ރިލީޒް ކުރާނެ އެވެ.