Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ވަޤުފް މަޝްރޫއުތަކަށް ބީއެމްއެލުން އިންވެސްޓް ކުރަނީ

ވަޤުފްގެ ދާއިރާއަށް އިންވެސްޓް ކުރުމާ ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ އެކު އިސްލާމިކް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި މިއަދު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދެވެ. ގައުމީ ބޭންކްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ/އެމްޑީ މުހައްމަދު ޝަރީފެވެ.

ޝަހީމް ވިދާޅުވީ ވަޤުފު މަޝްރޫޢުތައް ފެށުން ލަސްވެފައި ހުރީ ފައިސާ ހަމަނުޖެހިގެން ކަމަށާއި އެކި ފަރާތްތަކުގެ އެހީއާއެކު މިފަދަ މަޝްރޫޢުތައް ފެށުމުން އިތުރު މަޝްރޫޢޫތައް ކުރިއަށްގެންދިޔުމުގެ ފުރުޞަތުތައް ލިބޭ ކަމަށެވެ.

އެގޮތުން ބީއެމްއެލްއާއެކު ވި އެއްބަސްވުމާއެކު އިސްލާމީ އުޞޫލްތަކުގެ ދަށުން ފައިސާ ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ޝަހީމު ވިދާޅުވީ މި މަޝްރޫޢުތައް ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލުމަކީ އަމާޒެއް ކަމަށެވެ.

"ބީއެމްއެލް އިން އިސްލާމީ އުޞޫލުން އިންވެސްޓްކުރުމަކީ މުޖުތަމައަ އަށް މުޅި ޤައުމަށް ކޮށްދެވޭ އަގުހުރި ޚިދުމަތެއް. މިހާރު ޤާއިމްވެގެންދާ ވަޤުފު މަޝްރޫޢުތަކަކީ މުޅި ރާއްޖޭގެ އިސްލާމީ ޚިދުމަތާ ގުޅިފައިވާ މަޝްރޫޢޫތަކެއް. ރާއްޖޭގައި އެބަހުރި އެތައް ސަތޭކަ މިސްކިތްތައް،" މިނިސްޓަރު ވިދާޅުވި އެވެ. "މި މަސްކިތްތައް އެއްފަހަރާ މަރާމާތުކުރުމަށާއި ހުރިހާ ކަމަކަށް ޚަރަދުކުރުމަކީ ދަޢުލަތުގެ ބަޖެޓަށް އެކަނި ބަރޯސާވެގެން ކުރެވޭނެ ކަންކަމެއް ނޫން. މީގެ އެހެން ދާއިރަތައް ހޯދަން އެބަ ޖެހޭ ފައިސާ ހޯދުމަށްޓަކައި."

ޝަރީފް ވިދާޅުވީ އެއްބަސްވުމުގެ ދަށުން ވަޤުފު އިމާރާތްތައް ތަރައްގީ ކުރުމަށްޓަކައި މާލީ އެހީއާއި އިސްތިރާޖީ ގޮތުން އެ ބޭންކުން އެހީތެރިކަން ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ހުޅުމާލޭގައި ތަރައްގީ ކުރަން "ދާރުލްސަލާމް" އާއި މާލޭގައި ތަރައްގީކުރާ "ދާރުލްއަރްޤަމް" އަށް ބޭނުންވާ މާލީ އެހީތެރިކަން އިސްލާމީ އުޞޫލްގެ ދަށުން ހަމަޖައްސައި ދޭނެ ކަމަށް ވިދާޅުވި އެވެ.

މާލޭ ސަރަޙައްދުގައި ސަރުކާރުން ތަރައްގީ ކުރާ ވަޤުފު އިމާރާތްތަކުގެ މަޝްރޫޢަށް ބީއެމްއެލް އިސްލާމިކް އިން 350 މިލިއަން ރުފިޔާގެ ލޯން ދިނުމަށް ނިންމާފައިވެ އެވެ. އެގޮތުން އާރްސީސީއާ ހަވާލުކޮށްފައިވާ "ދާރުލްއަރްޤަމް" މަޝްރޫއަށް 39.4 މިލިއްަން ރުފިޔާ ޚަރަދުވާނެ އެވެ.