Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ބޮޑުގެ ސަރަހައްދުގައި ހަދާ މިސްކިތުގެ ބިންގާ އަޅައިފި

މ. މުއިވެޔޮދޮށުގެ (ބޮޑުގެ) ސަރަހައްދުގައި އަލަށް ހަދާ ޒަމާނީ މިސްކިތާއި ދަޢުވާ ސެންޓަރުގެ ބިންގާ މިއަދު އަަޅައިފި އެވެ.

އެތަނުގެ ބިންގާ އަޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދާއި ދައުލަތުހެ އިސްވެރިންނާއި އިސްލާމިކް މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެވަޑައިގަތެވެ.

'މަސްޖިދުއް ދަޢުވާ’ ގެ ނަން ދޭން ހަމަޖެހިފައިވާ 1،250 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ގޮތަށް ތަރައްޤީ ކުރާ ޒަމާނީ މިސްކިތަކީ ގިނަ ވަސީލަތްތަކަކާއެކު ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ މިސްކިތެކެވެ. އެގޮތުން މިސްކިތުގެ ގްރައުންޑް ފްލޯގައި މައި ނަމާދު ކުރާ ބައި، ވުޟޫ ކުރާ ސަރަޙައްދު އަދި ފާޚަނާ ބަރި ހެދުމަށް ހަމަޖެހިފައިވާ އިރު މެޒެނީން ބުރީގައި އަންހެނުން ނަމާދު ކުރާ ބައި އެއްވަނަ ބުރީގައި ނަމާދު ކުރާ ބައި، އިޢުތިކާފް ސަރަޙައްދު ހެދުމަށް ހަމަޖެހިފައިވެ އެވެ.

އަދި މިސްކިތުގެ ދެވަނަ ބުރީގައި 150 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި، ޒަަމާނީ ކްލާސްރޫމްތަކެއްގެ އިތުރުން ލައިބްރަރީއަކާއި އެޑްމިން އޮފީސް ޤާއިމްކުރާނެ އެވެ.

މީގެ އިތުރުން މިސްކިތުގެ ޓެރަސްއަ ކީވެސް ނަމާދު ކުރެވޭ ގޮތަށް ޤާއިމް ކުރެވޭނެ ބައެކެވެ.

މި މިސްކިތުގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެނިކުމެވޭނެ އިންތިޒާމް ޤާއިމް ކުރުމަށް ހަމަޖެހިފައިވާ އިރު އެފަދަ ފަރާތްތަކަށް ބޭނުންކުރެވޭނެ ފާޚާނާ އަދި ވުޟޫ ކުރާ ސަރަޙައްދު ޤާއިމް ކުރުމަށް ވެސް ހަމަޖެހިފައިވެ އެވެ. އަދި މިސްކިތުގެ ބޭނުންކުރާ ފަރާތްތަކުގެ ލުއި ފަސޭހައަށް މިސްކިތުގައި ލިފްޓު ހަރުކުރާނެ އެވެ.

ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢު އަކީ އަމިއްލަ ފަރާތްތަކަކުން ޚަރަދުކުރާ މަޝްރޫޢުއެކެވެ. މަޝްރޫޢު ނިންމުމަށް ދީފައި ވަނީ 540 ދުވަހެވެ.