ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އާއި އޭނަނެ ދެ ކޮއްކޮ އިސްވެ ތިބެ ހިންގި ޕޮންޒީ ސްކީމާ ގުޅިގެން އުފުލި ޓެކުމުގެ 13 ދައުވާ އަނބުރާ ގެންގޮސްފައިވާކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފިއެވެ.
ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާއްމުކޮށް ހުޅުވާލައިގެން ރާއްޖޭގައި މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާއި ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް، އިންވެސްޓަރުންނަށް މަންފާލިބޭނެ ކަމަށް ދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، އަލްހާނާއި އޭނަގެ ކޮއްކޮއިން ކަމަށްވާ ޝަހުބާން ފަހުމީ އާއިޝަޒްބާން ފަހުމޫގެ މައްޗަށް ދައުވާކުރަން ކުރިމިނަލް ކޯޓަށް ހުށަހެޅ ނޮވެމްބަރު 23، 2023 ގަ އެވެ.
ނަމަވެސް ޕީޖީ އޮފީހުން މިއަދު ބުނީ އެ ދައުވާތައް ކޯޓުގައި ހިނގަމުން ދަނިކޮށް، ދައުވާ ލިބޭ ފަރާތްތަކުން ކުރިކަމަށް ތުހުމަތު ކުރެވޭ ކުށާ ގުޅިގެން ބަދަލު ލިބެން ޖެހޭ 13 ފަރާތަށް ބަދަލުދީ ހަލާސްކޮށްފައިވާ ކަމަށް ބަޔާންކޮށް، ދައުވާތައް މުރާޖައާކޮށް ދިނުމަށް ތިން ބެއިންގެ ފަރާތުން އެދިފައިވާ ކަމަށެވެ.
އެހެންވެ އެކަމާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތް މެދުވެރިކޮށް މައުލޫމާތު ސާފުކުރި އިރު، އެ މައްސަލައިގައި ބަދަލު ލިބޭން ޖެހޭ މީހުންނަށް ބަދަލު ލިބިފައިވާކަން ކަށަވަރުވެފައިވާތީ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް އެ ފަރާތްތަކުން ބުނެފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ނަމަވެސް، އެ މައްސަލައިގައި ބަދަލު ލިބެން ޖެހޭ އިތުރު ބައެއް މީހުންގެ ބައިތައް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެހްންވެ ބައިތަކުގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ހުށަހެޅުމުން، އެ ބައިތަކުގައި ދައުވާކުރުމުގެ ކަންކަން ކުރިއަށްގެ ންދާނެ ކަމަށް ބުންޏެވެ.
މި މައްސަލައިގައި ބަދަލު ލިބެން ޖެހޭ މީހުންގެ ތެރެއިން ފައިސާ އަނބުރާ ނުލިބިވާ މީހުންނަށް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ބަދަލު ހޯދައި ދިނުމުގެ މަސައްކަތް ކެނޑިނޭޅި ކުރިއަށްދާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.
އަލްހާން، ޝަހުބާން އަދި ޝަޒްބާނަށް ކުރާ ދައުވާތައް ޕީޖީ އޮފީހުން އަނބުރާ ގެންދިޔަ އިރު ޓެކުމުގެ ހުރިހާ ދައުވާތަކަށް އެ ތިން މީހުން ވެސް އިންކާރުކޮށްފައިވެ އެވެ. އަދި ކުންފުނީގެ ގާނޫނުގައި ބަޔާންކުރާ "ކޯޕަރޭޓް ވެއިލް" ގެ ދަށުން މައްސަލަ ބޭރުކޮ ށްދިނުމަށް އެދިފައިވެ އެވެ.
ނަމަވެސް ކުރިމިނަލް ކޯޓުން މި އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ނިންމީ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ކުންފުންޏާ ބެހޭ ގާނޫނުގައިވާ ގޮތުން ކުންފުނިން ހިންގާ ޖިނާއީ އަމަލަކާ ގުޅިގެން ދައުވާ ކުރަން ޖެހޭނީ އެ ކުންފުންޏަކަށް ކަމަށާއި އެ ކުންފުންޏެއްގެ ހިއްސާދާރުންނާއި ޑިރެކްޓަރުން ޒިންމާވާން ނުޖެހޭނެ އެވެ. އެއީ ކޯޕަރޭޓް ވެއިލް އެވެ. ނަމަވެސް ބައެެއް ހާލަތްތަކުގައި އަދި މައްސަލަތަކުގައި ކޯޕަރޭޓް ވެއިލް ދިފާއެއްގެ ގޮތުގައި ބޭނުމެއް ނުކުރެވޭނެއެވެ،