އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓް ކެނޑޭ މައްސަލަ ހައްލު ކުރަން މި ހަފުތާގައި ގެނައި 1.8 މެގަވޮޓްގެ އިންޖީނުތައް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި އެ ބޭނުން ކުރަން ފެށޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
އައްޑޫގެ ގުޅިފައިވާ އަވަށްތައް ކަމަށްވާ ހިތަދު އާއި މަރަދު އާއި މަރަދޫފޭދޫގެ އިތުރުން ފޭދޫން ކަރަންޓް ކެނޑޭ މައްސަލަ ހައްލު ކުރަން 1.8 މެގަވޮޓުގެ ދެ ޖަނަރޭޓަރާއި 1.6 މެގަވޮޓުގެ ޖަނަރޭޓަރެއް ގެނެސްފައިވެ އެވެ.
ފެނަކަ އިން ބުނީ 1.6 މެގަވޮޓުގެ ޖަނަރޭޓަރު މިހާރު ބޭނުން ކުރަން ފަށާފައިވާ އިރު، 1.8 މެގަވޮޓުގެ ދެ ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އަންނަ ހަފުތާގެ ތެރޭގައި އެ ޖަނަރޭޓަރު ވެސް ބޭނުން ކުރަން ފަށައި، 1.8 މެގަވޮޓުގެ ދެ ޖަނަރޭޓަރުވެސް 10 ދުވަހުގެ ތެރޭގައި ބޭނުން ކުރަން ފެށޭނެ ކަމަށެވެ.
ފެނަކަ އިން ބުނީ އައްޑޫގައި ކުރިން ފެށިގެން ބޭނުން ކުރަމުން އަންނަ ޖަނަރޭޓަރުތައް މަރާމާތުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ އިރު، 1.8 މެގަވޮޓުގެ އިތުރު ޖަނަރޭޓަރެއް ވެސް ގެންނަން ޓެންޑަރަށް ލާފާއިވާ ކަމަށެވެ. އަދި އެ ޖަނަރޭޓަރު އަހަރު ނިމުމުގެ ކުރިން ލިބޭނެ ކަމަށް ފެނަކަ އިން ބުންޏެވެ.
އައްޑޫގައި ޕީކް ވަގުތުގައި ކަރަންޓުގެ ލޯޑު، 11.6 މެގަވޮޓަށް އަރާ ކަމަށް ފެނަކަ އިން ބުންޏެވެ.