ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ މީހުންގެ ތެރެއިން، ސޯޝަލް ހައުސިންގެ ދަށުން ފްލެޓް ލިބި ޑައުންޕޭމަންޓް ނުދެއްކި ތިބި، ފަރާތްތަކުގެ ތެރެއިން 14 މީހެއްގެ ޑައުން ޕޭމަންޓް ޒަކާތު ފަންޑުން ދައްކައިދޭން ނިންމައިފި އެވެ.
މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ޒަކާތު ހައުސްއިން އެކުލަވައިލައިފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ބައެއް ފަރާތްތަކަށް، ސޯޝަލް ހައުސިންގެ ތެރެއިން ސަރުކާރުން ދޭ ފްލެޓް/އެޕާޓްމަންޓް ޔުނިޓް ލިބި، އެ ޔުނިޓްތަކަށް ދައްކަން ޖެހޭ ޑައުންޕޭމަންޓް ނުދެއްކިގެން އުޅޭކަން ޒަކާތު ހައުސްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެހެންވެ ޒަކާތު ކައުންސިލަށް ހުށަހަޅައި މަޝްވަރާކުރުމަ ށްފަހު ވަނީ އެ މީހުންނަށް ޒަކާތު ފަންޑުން ޑައުންޕޭމަންޓް ދައްކައިދ ދޭން ނިންމާފައިވާ ކަމަށް ބުންޏެވެ. އެގޮތުން، 14 މީހަކަށް ޑައުން ޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހޭ ޖުމުލަ 340،000ރ. ރުފިޔާ ޒަކާތު ފަންޑުން ދައްކައި ދޭނެ އެވެ.
އެ ފައިސާ ޒަކާތު ހައުސް އިންއެ ފަރާތްތަކުގެ އަމިއްލަ އެކައުންޓަކަށް ޖަމާކޮށް ދިނުމުގެ ބަދަލުގައި، ދައްކާނީ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާއަށްކަމަށް ޒަކާތު ހައުސްއިން ބުންޏެވެ. އަދި ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލަށް ރިއާޔަތްކޮށް، ފަގީރުކަމުގެ ހާލަތު އަލުން ރިވިއުކޮށް ބެލުމަށް ހަމެޖެހިފައިވާ ކަމަށް ވެސް ޒަކާތު ހައުސް އިން ބުންޏެވެ.
ޒަކާތު ހައުސް އިން ބުނީ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް 'ޒަކާތު ބެނެފެޝިއަރީ ކާޑެއް' ވެސް ތައާރުފު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ކާޑުން، ސިއްހީ ހިދުމަތްތަކަށް އާސަންދަ ސްކީމުގެ ދަށުން ކަވަރު ނުކުރާ ހަރަދުތައް ޒަކާތު ފަންޑުން ކަވަރުކޮށް ދިނުމާއެކު، ރޯދަ މަހު ކާބޯތަކެތި ގަތުމާއި، ބޯހިޔާވަހިކަމާއި ތައުލީމާ ގުޅުން ހުރި އެހީތައް ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ލިބިގެން ދާނެ އެވެ.