Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

ޕީއެންއެފްގެ ގައުމީ ޖަލްސާ މިރޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ "ގައުމީ ޖަލްސާ" މިރޭ ބާއްވަން ނިންމައިފި އެވެ.

އެ ޖަލްސާ އޮންނާނީ އާޓިފިޝަލް ބީޗްގަ އެވެ. ޖަލްސާ ފަށަން ހަމަޖެހިފައި ވަނީ 8:30 ގަ އެވެ. ގައުމީ ޖަލްސާ އަށް ޕާޓީގެ ހުރިހާ މެންބަރުންނަށް ދައުވަތު ދީފައިވާ އިރު، ޖަލްސާ އަށް ދާން ޖެހެނީ ރަސްމީ ހެދުމުގަ އެވެ. އެގޮތުން އަންހެނުން ދިގު ހެދުމުގައި އަދި ފިރިހެނުންގެ ޑްރެސް ކޯޑަކީ ހުދު ގަމީހާ އެކު ޓައި އެވެ.

ޕީއެންއެފްގެ ގައިމީ ޖަލްސާގައި އެ ޕާޓީގެ އެކި މަގާމުތަކަށް ކުރިމަތިލި މީހުން ހޮވާނެ އެވެ. ޕާޓީގެ ރައީސް ކަމަށް ކުރިމަތިލެއްވީ ޔާމީން އެކަންޏެވެ. ޕާޓީގެ މަގާމުތަކަށް ދެން ހޮވާނީ ދެ ނައިބު ރައީސުންނާއި ސެކްރެޓަރީ ޖެނެރަލާއި ރަޖިސްޓްރާ އާއި ހަޒާންދާރުގެ އިތުރުން 14 ސެނެޓް މެންބަރުންނެވެ.

ޕާޓީގެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައި މި މަހުގެ 23 އަށް ސުންގަޑި ހަމަވި އިރު، 20 މަގާމަށް 55 މީހަކު ކުރިމަތިލި އެވެ.

ޕީއެންއެފަކީ 2023 ގެ ފަހުކޮޅު ރަސްޓްރީކޮށް ދިން ޕާޓީއެކެވެ. އެ ޕާޓީ އުފެއްދުގެ ހުއްދަ އިލެކްޝަން ކޮމިޝަން (އީސީ) އިން ދިނީ އެ އަހަރުގެ ނޮވެމްބަރު 29 ގަ އެވެ. އަދި އެ ޕާޓީ ރަޖިސްޓްކޮށް ދިނީ މިދިޔަ އަހަރުގެ އެޕްރީލް 25 ގަ އެވެ.