ސަލްމާން ޚާން މިހާރު ކުޅެމުން އަންނަ ފިލްމު "ބެޓްލް އޮފް ގަލްވާން" ގައި އަމީތާބް ބައްޗަން ވެސް ހިމެނޭ ކަމަށް ބެލެވެން ފަށައިފި އެވެ.
މި ފިލްމުގެ ޑައިރެކްޓަރު އަޕޫރްވާ ލާކިއާ ވަނީ ސެޓުން އަމީތާބާ އެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފަ އެވެ. އޭގައި އަޕޫރްވާ ބުނީ "ލެޖެންޑް ހުރީ ސެޓްގައި" ކަމަށާއި އަމީތާބް އޭނައާ ދައްކަނީ ކޮން ވާހަކައެއްތޯ ގެސްކޮށްލަން އެދޭ ކަމަށެވެ.

އަމީތާބްގެ މި ފޮޓޯއާ އެކު ވަރަށް ގިނަ ބަޔަކު ވަނީ "ބެޓްލް އޮފް ގަލްވާން" ގެ ރޯލަކުން އަމީތާބް ފެންނާނެ ކަމަށް އުންމީދު ކިރަން ފަށައިފަ އެވެ. ނަމަވެސް އެކަން އަދި ކަށަވަރުވާ ވަރެއް ނުވެ އެވެ.
އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ "ބެޓްލް އޮފް ގަލްވާން" އަކީ އިންޑިއާ އާއި ޗައިނާއާ ދެމެދު ގަލްވާން ވާދީގައި 2020 ގައި ހިނގި ކުރިމަތިލުންތަކެއްގެ މައްޗަށް ބިނާކޮށް ލިޔުންތެރިން ކަމަށްވާ ޝިވް އަރޫރް އާއި ރާހުލް ސިންގް ލިޔެފައިވާ "އިިންޑިއާސް މޯސްޓް ފިއަލެސް 3" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ.
މި ފިލްމު ރަސްމީކޮށް އިއުލާންކުރީ ޖުލައި މަހުގެ ކުރީކޮޅު އެވެ. އަދި ޝޫޓިން ފެށީ އޮގަސްޓް މަހުގެ ތެރޭގަ އެވެ.
ސަލްމާންގެ "ބެޓްލް އޮފް ގަލްވާން" އިން އަމީތާބު ފެންނާނެ ކަމަށް އުންމީދު ކުރެވޭ އިރު، މި ދެ ތަރިން އެކީގައި ކުރިން ވެސް ފިލްމުތަކެއް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި "ގޯޑް، ތުސީ ގްރޭޓް ހޯ، "ބާގްބާން" އަދި "ބާބުލް" ހިމެނެ އެވެ.