ދައުލަތުގެ ބަޖެޓުން މާލީ އެހީދޭން ކަނޑައެޅި އުސޫލުގެ ދަށުން 18 މީޑިއާއަކަށް ފައިސާ ދިނުމަށް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީން އަމަލުކުރީ ގޮތާމެދު ބައެއް މީޑިއާތަކުން ޝަކުވާ ކުރުމުން، ފައިސާ ދިނުން ބާތިލުކޮށްފި އެވެ.
އެ އުސޫލުގެ ދަށުން ފައިސާ ދެނީ ވަކި ޝަރުތުތަކެއް ހަމަވާ އަދި ވަކި މިންވަރަކަށް ޕޮއިންޓް ލިބޭ މީޑިއާތަކަށެވެ. އެ ފައިސާ ލިބޭ މީޑިއާތަކާއި ލިބޭ މިންވަރު އިއްޔެވަނީ އާންމުކޮށްފަ އެވެ.
މިނިސްޓްރީން މިއަދު ގެޒެޓުގައިކުރި އިއުލާނެއްގައި ބުނީ އުސޫލު އެކުލަވައިލައިފައި ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލައި، މީޑިއާތައް ތަމްސީލު ކުރުމަށް ވަކި މުއައްސަސާއެއް ގާއިމުކުރުމުގެ މަރުހަލާގައި ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ލަފަޔާ އެކުގައި ކަމަށެވެ.
"ނަމަވެސް، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އުފެދުމާއެކު މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ގުޅޭ އެންމެހައި ކަންކަން މިނިވަންކަމާއެކު ކުރުމަށް އެންމެ އެކަށީގެން ވަނީ އެމްއެމްބީސީ އިން ކަމަށް މި މިނިސްޓްރީން ދެކޭތީ، މަތީގައި ދެންނެވި އުސޫލާ ގުޅިގެން މި މިނިސްޓްރީން ކުރި އިއުލާންތައް ބާތިލުކޮށް، މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އެންމެހައި ކަންކަން އެމްއެމްބީސީއާ ހަވާލު ކުރުމަށް ނިންމައިފީމެވެ" މިނިސްޓްރީން ބުންޏެވެ.
އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.