Last Updated: July 4, 09:06
Saturday, July 4, 2026
ޚަބަރު

އަންނަ އަހަރުގެ ބަޖެޓު މިއަހަރަށް ވުރެ ކުޑަ: ރައީސް

އަންނަ އަހަރަށް ލަފާކޮށް ހުށައެޅި ބަޖެޓަކީ މި ހިނގާ 2025 ވަނަ އަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަހަރަށް ލަފާކޮށް ސަރުކާރުން ހުށައަޅާފައިވަނީ 56.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. އަދި އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.

މިއަދު މަޖިލީހަށް ހުށައެޅި ބަޖެޓާއި ގުޅޭގޮތުން އެކްސްގައި ކުރެއްްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ބަޖެޓްގައި ހިމަނާފައިވާ 9.3 ބިލިޔަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ހަރަދާއި ނުލައި 2026 ވަނަ އަހަރުގެ ބަޖެޓަކީ 55 ބިލިޔަން ރުފިޔާ ކަމަށެވެ. އެހެންކަމުން މިއީ 2025 ވަނަ އަހަރަށްވުރެ ކުޑަ ބަޖެޓެއްކަމަށް ރައީސް ވިދާޅުވި އެވެ.

އަންނަ އަހަރަށް ހުށަހެޅި ބަޖެޓުން 39.9 ބިލިއަން ރުފިޔާ ނުވަތަ ބަޖެޓުގެ 62 ޕަސެންޓް އެކަށައަޅާފައިވަނީ ރިކަރަންޓް ހަރަދަށެވެ. މީގެ ތެރޭގައި ގިނަ ޒަމާންތަކަކަށްފަހު ދައުލަތުގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށް ހާމަނައިޒްކުރުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަންނަ އަހަރު ކެޕިޓަލް ހަރަދަކީ 9.3 ބިލިއަން ރުފިޔާއެވެ.

އަންނަ އަހަރަށް ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ 31.3 ބިލިއަން ރުފިޔާއެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 8.7 ބިލިއަން ރުފިޔާއެވެ.

ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާ 373.6 މިލިއަން ރުފިޔާއާއެކު، 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރަނީ 40.3 ބިލިއަން ރުފިޔާވެ.