Last Updated: July 4, 09:19
Saturday, July 4, 2026
ޚަބަރު

ބައްސާމަށް އިތުރު 5 އަހަރުގެ ޖަލު ހުކުމެއް

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް - އެފްއޭއެމް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ބައްސާމްގެ މައްޗަށް މީގެކުރިން ވަނީ ހިޔާނާތުގެ ދައުވާއެއް ސާބިތުވެފަ އެވެ. އެ ދައުވާއާ ގުޅިގެން އޭނާގެ މައްޗަށް ހަތަރު އަހަރު ދުވަހުގެ ޖަލު ހުކުމެއް މީގެކުރިން އިއްވާފައިވެ އެވެ.

ބައްސާމްގެ މައްޗަށް މިއަދު އިއްވީ ފަސް އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން 10،000 ޑޮލަރަށްވާ ފައިސާ ކަމަށްވާ 154200 ރުފިޔާގެ ޖޫރިމަނާ ހުކުމެކެވެ. ޖޫރިމަނާގެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ވެސް އޭނާގެ މައްޗަށް އަމުރުކުރި އެވެ.

އޭނާގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލީ ޕީފާއިން ދިން ޑޮލަރު ބައްސާމްގެ ބީއެމްއެލް އެކައުންޓަށް ޖަމާކުރުމަށް ފަހު އޭގެ ތެރެއިން 1،910 ޑޮލަރު 2 ސެޕްޓެމްބަރު 2018 ވަނަ ދުވަހު އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކޮށް، ބައްސާމްގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ގްލޭސިއާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ކަންކަމަށް ބޭނުންކޮށްފައިވާތީ އާއި އެ ފައިސާގެ ތެރެއިން 2،000 ޑޮލަރު 5 ސެޕްޓެމްބަރު 2018 ބަނަ ދުވަހު ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފްލެޓުގެ ކުލި ދެއްކުމަށް ބޭނުންކޮށްފައިވާތީ އާއި އެފްއޭއެމުން އޭނާގެ އެކައުންޓަށް ޖަމާކުރި ފައިސާ އެކި އަދަދުތަކުން އެކި މީހުންނަށް ފޮނުވައި، އެފްއޭމްއެމްއާ ގުޅުމެއް ނެތް ކަންކަމަށް އެ ފައިސާ ހަރަދުކޮށް އެ ފައިސާ އޭނާގެ އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާތީ އެވެ.

ބައްސާމްގެ މައްޗަށް އިތުރު ދައުވާތަކެއް ވެސް އުފުލާފައިވާއިރު، އެ ދައުވާތަކުގެ އަޑުއެހުންތައް އަދި ފަށާފައެއް ނުވެ އެވެ.