އަޅުގަނޑުމެން ބޭނުންވާ ގޮތަށް އިސްލާމް ދީނުގެ ހުކުމްތައް ބަދަލެއް ނުކުރެވޭނެ އެވެ. އަދި އިލާހީ އުސޫލުތަކުން ބޭރެއް ވެސް ނުވެވޭނެއެވެ. ކިތަންމެ ހިތްހަމަޖެހުނަސް ނުޖެހުނަސް ދަރިން ބަލަން ޖެހޭނީ މައިންބަފައިންނަށެވެ. މައިންބަފައިން ދަރިން ނުބަލައި ނަމަ އެކަން ކުރާނޭ އިތުރު ބަޔަކު ނުތިބޭނެ އެވެ.
ޚަރަދުގެ މަސްއޫލިއްޔަތު އޮންނާނީ ބަފައިންނަށެވެ. މަސައްކަތް ކުރުމާއި ދިރިއުޅުމުގެ ކަންކަމުގައި ފިރިހެން މީހާ ފަރުވާކުޑަކޮށްފި ނަމަ އަންހެން މީހާއަށް އިތުރު މަސައްކަތް ކުރަން މަޖުބޫރު ވާނެ އެވެ. ނަމަވެސް ޖޭހޭނީ ގާތްގަނޑަކަށް ހަމަ އެއްތާކު އެވެ.
އިތުރަށް ދިރިއުޅުން ބުރަވެ، ވަރުބަލިވުން ނޫން ކަމެއް ނުވާނެ އެވެ.
ދަރިންނާއި ގޭގެ ބެލެހެއްޓުން ތެރިޔަކީ މަންމަ އެވެ. ޢާއިލާއެއް ބިނާ ކުރެވޭނީ ޝަރުޢީ ކަައިވެންޏެއްގެ ތެރެއިންނެވެ. އެ ނޫން ގޮތެއް އިޚްތިޔާރުކޮށްފި ނަމަ ޣައިރު މުސްލިމުންވެސް މަލާމާތް ކުރާނެ އެވެ. ދަރިން ވިހާ، ދަރިންނަށް ގާތުން ދިނުމުގެ މައްސޫލިއްޔަތު އޮންނާނީ އަންހެނާއަށެވެ. ބޭނުންވިޔަސް ބައްޕައަކަށް ނުވިހޭނެ އެވެ.
ކުއްޖާ އެންމެ ގާތްވާނީ މަންމައާ އެވެ. ބައްޕައަށް ވުރެ މަންމަ ތިން ގުނަ އިސްވާނެއެވެ. ބައްޕަ ނެތް ނަމަ ޢާއިލާ ގަދަ ކޮޅިގަނޑެއްގައި ޖެހޭނެ އެވެ. ދަރިންގެ ކައިވެންޏަށް ވަލީ ދޭނީ ބައްޕަ އެވެ. މަންމައަކަށް ވަލީއެއް ނާރާނެ އެވެ. ބޮޑެތިވުމުން ކައިވެނިކޮށްގެން އެ ދަރިން ދާނެ އެވެ. މަންމަގެ އުނގު ފަޅުވާނެ އެވެ.
ޒުވާން އިރު، އައުރަ ކަޝްފުވާ ގޮތަށް ވަނާާތައް ފާޅުކޮށް ކިތަންމެ ރީތި ފޮޓޯތަކެއް ހިއްސާކޮށް ގިނަ ލައިކްސް ހޯދިއަސް އެ ކަނބުލޭގެ މޫނުމައްޗަށް ވެސް ރޫއަރައި އެ ރީތި ސިފަ ގެއްލޭނެ އެވެ. ދެބައި އުމުރަށް ގޮސް އެ އަގުބޮޑު ހަޔާތާއި، ދީންވެރި ރަނގަޅު ދިރިއުޅުމެއްގައި އުޅޭނެ ވަގުތު ފާއިތުވާ ހިސާބަށް ދިޔައީމާ، އެ ފެތުރި ފޮޓޯތަކުން ދިރިއުޅުމަށް ކުރާނެ ފައިދާއެއް އޮންނާނެތޯ އެވެ؟
ދުރު ހިލޭ މީހުން ފޫހިފިލުވާ ކުޅެން ގެންގުޅޭ ފޮޓޯތަކަކަށް ފަހުން އެފޮޓޯތައް ބަދަލުވާނެ އެވެ. އެ ޢަމަލުތަކަށް މިހާރު ތަޢުރީފު ކުރިއަސް ފަހުން ލިބޭނީ ފިރިހެނުންގެ ބަދުބަހެވެ. ކަނބުލޭގެއަށް ޤަދަރެއް ނުކުރާނެއެވެ. އޭ އުޚްތާއެވެ. މަދު ވަގުތުކޮޅެކެވެ. ކުޅިވަރު ނުޖަހާށެވެ. އެއަށް ވުރެ އަގުބޮޑު، މާނަފުން ހަޔާތެކެވެ. ހަޔާތުގެ ފުރަތަމަ ކޮޅު ޣަނީމާ ކުރާށެވެ. އަވަހަށް އިންދައި ގަހުން މޭވާ ލިބޭނީވެސް އަވަހަށެވެ. ފަހުން އެކަމާ އުފާކުރާނެ އެވެ.
ހަޔާތުގެ ވަގުތު ޖެހުމުން ފިިރިހެނުން ބޭއްވޭނީ ތިން ކަފުނުގައެވެ. އަންހެނުންނަށް ފަސް ކަފުނެވެ. އެންމެ ފަހު ވަގުތު ވެސް އަންހެނާ އިތުރަށް ފަރުދާ ކުރީ އެވެ. މީ ލޮލަށް ފެންނަ ޙަޤީޤަތްތަކެވެ. އިލާހީ އުސޫލުތަކެވެ. އަޅުގަނޑުމެން ބޭނުންވާ ގޮތަށް މި އުސޫލުތައް ބަދަލެއް ނުވާނެ އެވެ. އިލާހީ އުސޫލުތަކާއި އެއްގޮތަށް ބަދަލުވާންވީ އަޅުގަނޑުމެންކަން ދަންނާށެވެ.
ނޯޓް: މިއީ ޝައިހް ހަސަން ސަބާޙްގެ ލިޔުއްވުމެކެވެ.