ގާނޫނާ ހިލާފަށް ރާއްޖެއަށް ސިނގިރޭޓު އެތެރެކުރި މައްސަލައާ ގުޅިގެން އިއްޔެ މަގާމުން ވަކިކުރި ކަސްޓަމްސްގެ ޑެޕިޔުޓީ ކޮމިޝަނަރު މަހުމޫދު ރިޔާޒުގެ މައްސަލަ އަލުން ބަލައިދިނުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ސިޓީއެއް ފޮނުއްވައިފި އެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވަނީ ރިޔާޒާއި ކަސްޓަމްސްގެ އިތުރު ޑެޕިއުޓީ ކޮމިޝަނަރެއް ކަމަށްވާ ޢަބްދުﷲ ވަހީދު މަގާމުން ވަކިކުރައްވާފަ އެވެ.
ރައީސް އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 'ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް'ގެ ތެޔޮ ބޯޓެއްގައި ގާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެއަށް ސިނގިރޭޓު ކާޓޫނުތަކެއް އެތެރެކޮށްފައިވާ މައްސަލައާ ގުޅިގެން އެ ދެ ބޭފުޅުން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ވަކިކޮށްފައިވާ ކަމަށެވެ.
އެ ނިންމުން ނިންމެވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން އެ މައްސަލަ ދިރާސާކުރުމަށް ފަހު، މަޖިލީހުން ފޮނުވި ސިޓީގައި ދެއްވާފައިވާ ލަފައަށް ރިއާޔަތްކޮށް ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް އެ ތުހުމަތުތައް ރިޔާޒު ވަނީ ދޮގުކުރައްވާފަ އެވެ.
މިކަމާ ގުޅިގެން ރިޔާޒު ނިސްބަތްވާ ދާއިރާގެ މެމްބަރު ކުޑޫ، ފޮނުއްވި ސިޓީގައި ވިދާޅުވީ ރިޔާޒަކީ އިޚުލާސްތެރިކަމާއެކު ކަސްޓަމްސްގައި 33 އަހަރު ވަންދެން ޚިދުމަތްކުރައްވާފައިވާ ބޭފުޅެއް ކަމަށާއި އަދި މި ދިގު މުއްދަތުގައި މިފަދަ އެއްވެސް ކަމެއްގައި އެއްވެސް ނުރަނގަޅު ރެކޯޑެއް ރިޔާޒުގެ ނެތް ކަމަށެވެ.
އެހެންކަމުން މި މައްސަލަ އަލުން ބަލައިދިނުމަށް ކުޑޫ ފޮނުއްވި ސިޓީގައި ވަނީ އެދިފަ އެވެ.
ކަސްޓަމްސްގެ ކޮމިއުނިޓީ ގްރޫޕަށް ރިޔާޒު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އޭނާއާ ގުޅުވައިގެން ތުހުމަތުތަކެއް ކުރާކަން އެނގިވަޑައިގަންނަވާ ކަމަށާއި އެކަމަކު ދުވަހަކު ވެސް ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ.
"މާތްﷲ ގަންދީ ހުވާކުރަން، އެއްވެސް ގޯސް އަމަލެއްގައި ބައިވެރިއެއް ނުވަން އަދި ނުވެސް ވާނަން،" ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒުގެ ދިފާއުގައި ކަސްޓަމްސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ސޯޝަލް މީޑިއާގައި އަންނަނީ ޝުއޫރު ފާޅުކުރަމުންނެވެ.