ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ބަޖެޓުން ހާލަތު ރަނގަޅުވާނެ ކަމުގެ ނިޝާނެއް ނުފެންނަ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ސަރުކާރުން މި އަހަރު ބަޖެޓް ސަޕޯޓަށް 7 ބިލިއަން ރުފިޔާ ހޯދަން ރޭވި ނަމަވެސް ބޭރުގެ އެއްވެސް މާކެޓަކުން ވެސް އަދި ދޭދޭ ގައުމުތަކުން ވެސް އެންމެ ރުފިޔާއެއް ވެސް ހޯދިފައި ނުވާ ކަމަށެވެ. މިކަމުން ދައްކުވައިދެނީ އިގްތިސާދީ އަދި ހާރިޖީ ސިޔާސަތު ވެސް ފެއިލްވެފައިވާކަން ކަމަށް ޝާހިދު ވިދާޅުވި އެވެ.
ސަރުކާރުން މިއަދު ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓަކީ އިގްތިސާދީ ބިންގާ އާއި ދުރު، އަދި މުޖުތަމައުގެ ހަގީގަތްތަކާ ނުގުޅޭ ބަޖެޓެއް ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ. އަދި އާންމު ރައްޔިތުން މުދަލުގެ އަގުބޮޑުވެ، ވިޔަފާރިތައް ކުރިއަރަމުން ނުދިޔުމުގެ ސަބަބުން މިހާރުވެސް ދަތި ހާލުގައި ތިއްބައި، މި ބަޖެޓުން ދެން އަންނަ އަހަރު ކަންކަން ރަނގަޅުވާނެ ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޝާހިދު ވަނީ ގެއްލިގެން މިދަނީ އިތުރު އަހަރެއް ކަމަށާއި އޭގެ ސަބަބުން ރައްޔިތުންގެ ހާލަތު އިތުރަށް ދަށްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
އަންނަ އަހަރަށް ހުށަހެޅި ބަޖެޓުން 39.9 ބިލިއަން ރުފިޔާ ނުވަތަ ބަޖެޓުގެ 62 ޕަސެންޓް އެކަށައަޅާފައިވަނީ ރިކަރަންޓް ހަރަދަށެވެ. މީގެ ތެރޭގައި ގިނަ ޒަމާންތަކަކަށްފަހު ދައުލަތުގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށް ހާމަނައިޒްކުރުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަންނަ އަހަރު ކެޕިޓަލް ހަރަދަކީ 9.3 ބިލިއަން ރުފިޔާއެވެ.
އަންނަ އަހަރަށް ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ 31.3 ބިލިއަން ރުފިޔާއެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 8.7 ބިލިއަން ރުފިޔާއެވެ.
ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާ 373.6 މިލިއަން ރުފިޔާއާއެކު، 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރަނީ 40.3 ބިލިއަން ރުފިޔާވެ.