Last Updated: July 4, 10:57
Saturday, July 4, 2026
ޚަބަރު

އިންތިހާބުގެ ވޯޓު ކަރުދާހުގައި އަޅުގަނޑުގެ ނަން އޮންނާނެ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްކޮޅުގައި އެމަނިކުފާނުގެ ނަންފުޅު އޮންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޕީއެންއެފްގެ ގައުމީ ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ޝަރީއަތްތައް އަވަސް ކުރިޔަސް މައްސަލައެއް ނެތް ކަމަށާއި ގާނޫނީ ޓީމުގެ ބޭފުޅުންނާއި މެދު އިތުބާރު އެބައޮތް ކަމަށެވެ.

"ސަރުކާރުގެ އެތެރެއިން ކަންކަން ހިނގާ ގޮތް އަޅުގަނޑަށް އެބަ އިނގޭ. ހަމަ ކަށަވަރު ބަސް ދެމުންދެމުން އެ އަންނަނީ ރައީސް ޔާމީންގެ ނަން ވޯޓު ކަރުދާހުގައި ނޯންނާނެއޭ. އެހެންވެއްޖެއްޔާ އެ ވޯޓު ކަރުދާސް ދިވެހިރާއްޖެއަކު ނޫން ޗާޕުކުރާނީކީ. ރައީސް ޔާމީންގެ ނަން އިރާދަކުރެއްވިއްޔާ ވޯޓު ކަރުދާހުގައި އޮންނާނެ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެ މަނިކުފާނަކީ ވަކި ބޭފުޅެއްގެ ފޮޓޯ ދައްކައިގެން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެއް ނޫން ކަމަށާއި އޭގެ ބަދަލުގައި ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފުގެ ފޮޓޯއަށް ވުރެ ބޮޑަށް ފެންނަން ހުރީ އެމަނިކުފާނުގެ ފޮޓޯ ކަމަށެވެ.

"އެއީ ފޮޓޯ ދައްކައިގެން ވެރިކަމަށް އައުމަކީ،" ޔާމީން ވިދާޅުވި އެވެ.

އެންމެ ފަހުން 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަނުކުރެއްވުނީ އޭރު އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒު ކުރަމުންދިޔުމާ ގުޅިގެންނެވެ. އެގޮތުން ޕީޕީއެމް/ޕީއެންސީގެ ޓިކެޓު ރައީސް މުއިއްޒު ހޯއްދަވައި ވެރިކަމަށް ވަޑައިގެންނެވީ ޔާމީނުގެ ވެސް ތާއީދާ އެކުގަ އެވެ.

ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް އެމަނިކުފާނާއި ޔާމީނާއި ދެމެދު މައްސަލަ ޖެހި ޕީޕީއެމް ދޫކުރައްވައި ޔާމީން ވަނީ ޕީއެންއެފްގެ ނަމުގައި ޕާޓީއެއް އުފައްދަވާފަ އެވެ. އަދި ޔާމީން ގެންދަވަނީ ރައީސް މުއިއްޒާއި މި ސަރުކާރަށް އެކި ޕްލެޓްފޯމުތަކުގައި ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވަމުންނެވެ.